ސިޔާސީ ހަރަކާތްތަކުގެ ތެރެއިން އާންމުންނަށް އުނދަގޫވާގޮތަށް މުޒާހަރާކޮށް އަޑުގަދަކުރާ މައްސަލައިގައި ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުން މިއަދު ނިންމާލައިފި އެވެ.
އާންމުންނަށް އުނދަގޫވާގޮތަށް އަދި ކުޑަކުދިންނާއި މުސްކުޅިންނަށް އުނދަގޫވާގޮތަށް މުޒާހަރާކުރުން ގާނޫނު އަސާސީއާ ހިލާފް ކަމަށް ކަނޑައަޅައިދިނުމަށް އެދި ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ބޭއްވީ މިއަދު އެވެ.
ސުޕްރީމް ކޯޓުގެ މިއަދުގެ ޝަރީއަތުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން އާންމުންނަށް އުނދަގޫވާގޮތަށް މުޒާހަރާކޮށް އަދި ކުޑަކުދިންނާ މުސްކުޅިންނަށް އުނދަގޫވާގޮތަށް ރޭގަނޑުގެ ވަގުތުތަކުގައި އަޑުގަދަކޮށް އަދި މީހުން މެރުމަށް ގޮވާލާ ޖިނާއީ ކުށްތައް ކުރުމަށް ގޮވާލުމަކީ ގާނޫނު އަސާސީއާ ހިލާފްކަމެއް ކަނޑައަޅައިދެއްވުން އެދޭ ކަމަށެވެ. އެގޮތުން އެއީ ދިރިހުރުމުގެ ހައްގާއި ޒާތީ ދިރިއުޅުމުގެ ހައްގާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ސިޔާސީ ޕާޓީތައް ހެދުމުގެ މިނިވަންކަމުގެ އިތުރުން ނަމާއި އަބުރު ރައްކާތެރި ކުރުމުގެ ހައްގާއި ކުޑަކުދިންނާއި މުސްކުޅިންނަށް ހާއްސަ ރައްކާތެރިކަން ދިނުމުގެ ހައްގާ ހިލާފް ކަންތައްތަކެއް ކަމަށް ކަނޑައަޅައިދޭން ވަނީ އެދިފަ އެވެ.
ބަންޑާރަ ނާއިބުގެ ހުށަހެޅުމާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން ވަނީ އާޒިމާއާ ވަރުގަދަ ސުވާލުތަކެއް ކުރިމަތި ކުރައްވައިފަ އެވެ. އެގޮތުން އެކަންތައްތައް މަނާކުރާ ގާނޫނުތަކެއް ނެތީތޯ އާއި ދައުވާގައި ބުނެފައިވާ ކަންތަކަކީ ގާނޫނު އަސާސީއާ ހިލާފްކަންތައްތަކެއް ކަމަށް ދެކޭއިރު އެގޮތަށް ފުލުހުންނަށް ލަފާދިންތޯ ފަނޑިޔާރުން ވަނީ އާޒިމާއާ ސުވާލު ކުރައްވައިފަ އެވެ. އަދި އެކަންތައްތައް އިސްލާހު ކުރަން އެހެން ގޮތްތައް ވެސް ހުރިއިރު ޝަރުއީ ދާއިރާއިން އެކަމަށް ގޮތެއް ނިންމައިދިނުމަށް އެދެނީ ކީއްވެގެންތޯ ވެސް ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ. އެ ހުރިހާ ސުވާލުތަކަށް ވެސް އާޒިމާ ވަނީ ޖަވާބު ދެއްވައިފަ އެވެ.
އެ މައްސަލައިގެ މިއަދުގެ ޝަރީއަތް ނިންމަވާލައްވަމުން، ރިއާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވަނީ މުޅި އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީކަން އިއުލާން ކުރައްވައިފަ އެވެ. ނަމަވެސް މައްސަލަ ނިންމާނެ ދުވަހެއް ވިދާޅެއް ނުވެ އެވެ.
އުނދަގޫވާގޮތަށް މުޒާހަރާކުރާ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ