24 މިލިއަން ރުފިޔާގެ މައްސަލައިގައި އައްސަދާއި ޝާހިދު އަދި އަހުމަދު މުހައްމަދުގެ އިހުމާލް ވެސް އެބަ އޮތް

ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް ސެންޓަރުގެ 24 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައި އިހްމާލުވެފައިވާ ކަމަށް ތުހްމަތުކުރޭ މީހުންގެ ނަންތައް އޮޑިޓަ ޖެނެރަލް އޮފީހުން މިއަދު ހާމަކޮށްފި އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އޮޑިޓަ ޖެނެރަލް އޮފީހުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމުގައި އޮޑިޓަ ޖެނެރަލް އޮފީހުގެ ޑައިރެކްޓަ އިބްރާހިމް އައިމަން ވިދާޅުވީ އެ މައްސަލައިގައި އިހްމާލުވި ކަމަށް ތުހްމަތުކުރެވެނީ ޑިޒާސްޓަ މެނޭޖްމެންޓް ކުރިން ހިންގެވުމާ ހަވާލުވެ ހުންނެވި އޭރުގެ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝާހިދާއި އެ ސެންޓަރުގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ޝާހިދާއި ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް މޫސާ އަލީ ކަލޭފާނާއި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އައްސަދާއި ފައިނޭންސް ކޮންޓްރޯލަ އަހްމަދު މުހައްމަދު ކަމަށެވެ.
ވަގު ޕާޗޭސް އޯޑަރު ފޯމްތައް ބޭނުންކޮށްގެން 24 މިލިއަން ރުފިޔާ ނަގާފައިވާ އެލޮކޭޓް ބިޒްނަސް ކޮމްޕެނީ (އޭބީސީ) ގެ ދެ ހިއްސާދާރުންގެ ނަން ވެސް އޮޑިޓަ ޖެނެރަލް އޮފީހުން ހާމަކުރި އެވެ. އެއީ އައްޑޫ ސިޓީ މަރަދޫ، ބިއުޓީ ނަޖާހާއި އަބްދުﷲ އަނަސް އެވެ.
އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވީ މި މައްސަލައިގައި ޑިޒާސްޓަ މެނޭޖްމެންޓް ސެންޓަރާއި ފިނޭންސް މިނިސްޓްރީގެ އިހްމާލު "ވަރަށް ބޮޑު" ކަމަށެވެ.
އައިމަން ވިދާޅުވީ ކުރިން ފައިސާ ދޫކޮށްފައިވާ ޕީއޯ ފޯމްތަކެއް ބަދަލުކޮށް، އިންވޮއިސްއާ އެކު ސައްހަ ނޫން ޕީއޯ ފޯމްތަކަކަށް ފައިސާ ދޫކޮށްފައި އޮތުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށެވެ.
އޭބީސީ ކުންފުންޏަކީ މަސައްކަތް ހަވާލުކުރިއިރު، އެއް އަހަރު ނުވާ ކުންފުންޏަކަށް ވެފައި ފަސް އަހަރު ފަހުން ފައިސާ ހޯދަން ހުށަހެޅުމުން އެކަމަށް ދޭން ޖެހޭ ސަމާލުކަން ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން އަދި ފިނޭންސް މިނިސްޓްރީން ވެސް ދީފައި ނެތް ކަމަށް އައިމަން ވިދާޅުވި އެވެ. އަދި ހުށަހެޅި ބައެއް ފޯމްތަކަށް ކުރިން ފައިސާ ދައްކާފައިވާ ކަމަށް އެނގުމުން އެކަން އިތުރަށް ބަލާފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އެއީ ކޮން ބައެއް ކަމެއް ފުލުހުން ހާމައެއްނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ