ކޯލިޝަން ރޫޅާލީ އިންސާފުވެރިކޮށް ކަމަށް ގަބޫލެއް ނުކުރަން: ގާސިމް

ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމުން ރޫޅާލީ އިންސާފުވެރިކޮށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި މަޖިލީހުގައި ޖުމްހޫރީ ޕާޓީން މަސައްކަތް ކުރާނީ ކޮން ޕާޓީއަކާ ގުޅިގެންކަން ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އާ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ހޮވުމަށް ބޭއްވި ޖަލްސާ އަށް ފަހު ގާސިމް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމަށް އޭނާ ކުރިމަތިލެއްވުމުން ކޯލިޝަން އުވާލުމަކީ އިންސާފެއް ނޫން ކަމަށެވެ. އަދި އެއީ ކޯލިޝަންގެ އެއްބަސްވުމުގެ ރޫހެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ކަމަކީ ކޯލިޝަންގެ އެއްބަސްވުމުގައި ނެތް ކަމެއް ކަމަށާއި އެހެންވެ އެކަމުގައި މަޝްވަރާކުރަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ޕީޕީއެމުން ކުރިން ވެސް ބުނެފައިވާ ގޮތަށް، މިއަދު ޖަލްސާގައި މަޖިލީހުގެ ރައީސްގެ މަގާމަށް ގާސިމްގެ ނަން ހުށަހެޅުމާއެކު، ކޯލިޝަން ރޫޅިފައިވާ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އިއުލާން ކުރެއްވެވި އެވެ.
ޕީޕީއެމުން ކޯލިޝަން ރޫޅާލުމުން، އެކަމުގައި ޖުމްހޫރީ ޕާޓީން އިސްވެ މަޝްވަރާކުރަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި "އެކަމާ [ކޯލިޝަން ރޫޅާލުމާ] ގުޅޭ ގޮތުން އެއްވެސް ލިޔުމެއް ޕީޕީއެމުން [ޖުމްހޫރީ ޕާޓީއަށް] ފޮނުވާފައެއް ނެތް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމުން އަހްދާއި ވައުދަށް ކަމޭ ނުހިތާ ކަމަށް ގާސިމް މިއަދު ވެސް ވިދާޅުވި އެވެ. އެގޮތުން ކޯލިޝަންގެ އެއްބަސްވުމުގައިވާ ގޮތަށް އެ ޕާޓީ އަށް ލިބެންޖެހޭ ވަޒީފާތައް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް މަގާމު ނުދެއްވީ ފެންވަރު ދަށް ކަމުން ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް، ގާސިމް ވިދާޅުވީ އެއީ އިތުރުފުޅެއް ކަމަށެވެ.
"ޖުމްހޫރީ ޕާޓީން ފޮނުވީ ފެންވަރު ދަށް ބޭފުޅުންނެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްކަމުގެ މަގާމު ގާސިމަށް ގެއްލުނީ ޕީޕީއެމުން ހުށަހެޅުއްވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހާ ވާދަކުރައްވައިގެންނެވެ. މިއަދު މަޖިލީހުގައި ނެގި ސިއްރު ވޯޓުގައި ގާސިމަށް 39 ވޯޓު ލިބިވަޑައިގެންނެވި އިރު، މަޖިލީހުގެ ރައީސްކަން މަސީހު ކާމިޔާބު ކުރެއްވީ 43 ވޯޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ