ފުނަދޫ ދާއިރާގެ އިންތިޚާބު ބާތިލް ކުރުމުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ އިންތިޚާބު ބާތިލް ކުރުމަށް އެދި، އެ ދާއިރާއަށް ވާދަކުރި ކެންޑިޑޭޓަކު ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.
އެ އިންތިޚާބު ބާތިލްކޮށް ދިނުމަށް އެދި ހުށަހަޅާފައި ވަނީ އެމްޑީޕީގެ ޓިކެޓްގައި އެ ދާއިރާއަށް ވާދަކުރި އައްބާސް މުހައްމަދެވެ. އެ އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަލީ ސަލީމެވެ.
ހައި ކޯޓުގައި މިއަދު އޮތް އަޑުއެހުން ނިންމާލަމުން އެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. ނަމަވެސް އިތުރު ފަރާތަކުން ކަމެއް ސާފުކުރަންޖެހޭ ކަމަށް ފެނިއްޖެނަމަ އެ ފަރާތެއް ހާޒިރު ކުރުމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
ިދައުވާކުރާ އައްބާސްގެ ބަދަލުގައި މިއަދު އޮތް އަޑުއެހުމުގައި ކޯޓަށް ހާޒިރުވި ޝާހިދު އަބްދުއްސަމަދު ވިދާޅުވީ އެ ދާއިރާގެ ށ. މާއުނގޫދޫގައި ބެހެއްޓި ވޯޓު ފޮށި ބަންދުކޮށްފައިވަނީ އެހެން ފޮށިތަކަށް ވުރެ ލަހުން ކަމަށެވެ. އެގޮތުން އެދުވަހު ހަވީރު 5:00 ގެ ފަހުން އެއްވެސް މީހަކު އެ ފޮށްޓައް ވޯޓު ނުލި ނަމަވެސް އެ ފޮށި ބަންދުކޮށްފައިވަނީ 5:50 ގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމުގެ ސަބަބުން ވޯޓުގެ ސައްހަކަން ގެއްލި، އެހެން ކެންޑިޑޭޓުންނަށް އިތުރު ވޯޓު ހޯދުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އެ އިންތިޚާބު ކާމިޔާބު ކުރެއްވި ސަލީމްގެ ފަރާތުން މީހުންގެ އައިޑީ ކާޑު ގަތުމާއި ކެމްޕެއިން ކުރުމަށް ބޭނުންކުރާ ލިޔުންތައް މަގުތަކަށް އަޅަމުން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެކަންކަމުގެ ޝަކުވާ ހުށަހެޅި ނަމަވެސް ނަތީޖާ އިއުލާންކޮށްފައި ވަނީ އެއަށް ޖަވާބު ދިނުމެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަންކަން ސާބިތުކޮށް ދިނުމަށް އައްބާސްެގެ ފަރާތުން ވަނީ 16 ހެއްކަކު ހުށަހަޅައިފަ އެވެ.
އެކަންކަން ފާހަގަކޮށް އައްބާސްގެ ފަރާތުން ޝާހިދު އެދިވަޑައިގަތީ އިންތިޚާބު ބާތިލްކޮށް، އެ ދާއިރާގެ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ. އެ ކޮމިޝަންގެ ވަކީލް ހުސައިން ސިރާޖް ވިދާޅުވީ މާއުނގޫދޫ ފޮށި ލަހުން ބަންދުކުރީ ދިމާވި ހާދިސާއަކާ ގުޅިގެން އެ ފޮށީގެ ވޯޓުލުން ލަސްވެފައިވާތީ ކަމަށެވެ. އެކަން ކަމާބެހޭ ލިޔުންތަކުން އެނގެން އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިންތިޚާބާ ބެހޭ ގާނޫނު ބުނާގޮތުން ވޯޓުލާން ފަށާ ގަޑި އާއި ފޮށި ބަންދުކުރާ ގަޑި ކަނޑައެޅުމަކީ އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ ކަމެއް ކަމަށްވާތީ ހަމައެކަނި އެ ސަބަބަށްޓަކައި މުޅި އެ ދާއިރާގެ އިންތިޚާބު ބާތިލްކުރަންޖެހޭ ކަމަށް ނުދެކޭ ކަމަށް ސިރާޖް ވިދާޅުވި އެވެ.
ސިރާޖް ވިދާޅުވި ގޮތުގައި އައްބާސްގެ ފަރާތުން ހުށަހެޅި ޝަކުވާތަކަށް ޖަވާބު ނުދީ ނަތީޖާ އިއުލާން ކުރުމަކީ ވެސް މައްސަލައެއް ނޫނެވެ. ސަބަބަކީ އިންތިޚާބުގެ ދާއިމީ ނަތީޖާއަކީ ވަކި މުއްދަތެއްގެ ތެރޭގައި އިއުލާންކުރަންޖެހޭ އެއްޗެއް ކަމަށް ގާނޫނުގައި އޮންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އިންތިޚާބު ކާމިޔާބު ކުރެއްވި، އެ ދާއިރާގެ މެމްބަރު އަލީ ސަލީމް ވެސް އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވެފަ އެވެ. އޭނާގެ ވަކީލް އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ލަހުން ވަކި ފޮށްޓެއް ބަންދު ކުރުމުގެ ސަބަބުން ފައިދާ ވާނީ ވަކި ކެންޑިޑޭޓަކަށް ނޫން ކަމަށެވެ. އަދި އެދުވަހު 5:00 ފަހުން އެއްވެސް މީހަކު އެ ފޮށްޓެއް ވޯޓުލާފައި ނުވާކަން ދައުވާކުރާ ފަރާތުގެ ބަހުން ވެސް އެނގޭއިރު ސަލީމަށް އެންމެ އަވަހަށް ވެސް އެރަށަށް ދެވޭނީ ވެސް 5:00 ހާއިރު ކަމުން އެއްވެސް ވޯޓަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ސަލީމަށް ނުލިބޭ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ޔޫސުފް ހުސައިނާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު ޔޫސުފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ