ސްކޫލް ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގުމުގެ ތުހުމަތަށް 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި ކިޔަވާ 15 އަހަރުގެ އަންހެން ކުއްޖަކާ އެކު ބަދުއަހުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި 18 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފި އެވެ.
ފުލުސް އޮފީހުން މިކަން ޔަގީންކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ. އެނގިފައިވާ ގޮތުގައި ހައްޔަރު ކުރި ޒުވާނާގެ ބަންދަށް އެ ރަށު ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.
ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި މި އަމަލު ހިންގާފައި ވަނީ އެ ރަށު ގެސްޓްހައުސްއެއްގަ އެވެ. ގްރޭޑް އަށެއްގައި ކިޔަވާ އެ އަންހެން ކުއްޖާ ގެސްޓް ހައުސް އަށް ދިޔައީ ސްކޫލް ޔުނީފޯމުގައި ކަމަށްވެ އެވެ.
މި މައްސަލައާ ގުޅިގެން ސްކޫލުން އަންހެން ކުއްޖާ ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
ހަ އަހަރުގެ އަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހއ. މާރަންދޫން 24 އަހަރުގެ ޒުވާނަކު ވެސް ވަރަށް ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ