ސުޕްރީމް ކޯޓަށް އާ ބެންޗެއް އެކުލަވާލަންދެން އިހްތިޖާޖު ކުރާނަން - ނަޝީދު

ރައްޔިތުން ނުކުމެ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ވެއްޖެ ކަމަށާއި ސުޕްރީމް ކޯޓަށް އާ ބެންޗެއް ކަނޑައެޅެންދެން އިހްތިޖާޖުތަކުގައި ދެމި ހުންނަވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސްކަމަށް ވުރެން މުހިއްމީ މި ރާއްޖޭގައި އިންސާފް ޤާއިމްކުރުން ކަމަށާއި، މި ރާއްޖޭގެ ޝަރުޢީ ނިޒާމް ހަމަ މަގަށް އެޅުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ދިވެހި ތާރީޚަށް ބަލައިލިކަމުގައި ވިޔަސް، ޝަރުޢީ ދާއިރާ ހަމައިން ނައްޓައިގެންދާ ކޮންމެ ފަހަރަކު ވެސް، އެ ދާއިރާ ހަމަ މަގަށް އަޅުވާފައިވަނީ ރައްޔިތުން ނުކުމެގެން ކަމަށެވެ.
"މިކަން ކުރުން އަޅުގަނޑު ހުއްޓައެއް ނުލާނަން. މަގުމައްޗަށް ވެސް ނިކުންނާނަން، އިހުތިޖާޖް ވެސް ކުރާނަން. އަދި އަލުން އަނބުރާ [ބެންޗް] އައްޔަން ކުރެވެންދެން މި މަސައްކަތުގައި ދެމިހުންނާނަން،" ނަޝީދު ވިދާޅުވި އެވެ.
ދިވެހިރައްޔިތުން ސިހޭ ފަދަ އެތައްކަމެއް ސުޕްރީމް ކޯޓުން ކޮށްފައިވާ ކަމަށާއި އެންމެހާ ބާރުތައް ހުއްޓެނީ ރައްޔިތުންގެ ކިބައިގައި ކަމުން، ރައްޔިތުން ނުކުމެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމް ބަދަލުކުރަން ޖެހޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“އެންމެ ފުރަތަމަ ކަމަކަށް އެބޭފުޅުން ނިންމެވީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ 8 މެމްބަރުންގެ މައްސަލަ. އެބޭފުޅުން ބަދަލު ނުކުރެވޭނޭ ކަމަށް ކަނޑައެޅުން. ދެ ވަނަކަމަކަށް، އިންތިޤާލީ ބާބުގައި ކަނޑައަޅާފައި އޮތް މުއްދަތައް ރައްޔިތުންގެ މަޖިލިސް އިންތިޚާބް ނުކުރެވުމުން، މަޖިލިސްގެ ސައްޙަކަމާއި މެދުގައި ސުޕްރީމް ކޯޓުން ސުވާލު އުފެއްދައި އެކަމާއި ވެސް އެބޭފުޅުންގެ ނިންމެވުމެއް އޭރު ނިންމެވި." ނަޝީދު ވިދާޅުވި އެވެ.
"އަނެއްކަމަކީ ޖޭއެސްސީގެ ދަށުގައިވާ ކިތަންމެ ބާރެއް އަމިއްލައަށް އެ ކޯޓަށް ނަންގަވައި، އެބޭފުޅުހުން މިހާރު އެގެންދަވަނީ ބޭނުން ކުރައްވަމުން. “ރައީސް ނަޝީދު އިތުރަށް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ސުޕްރީމް ކޯޓުން އިއްވަވާ ހުކުމާއި، ލިޔުމުން ދެއްވާ ހުކުމްގައި ތަފާތު ހުންނަކަން އެމަނިކުފާނު ރައީސްކަމުގައި ހުންނަވަނިކޮށް ފާހަގަކުރެވިފައިވާ ކަމަށާއި އެހެންކަމުން އެބޭފުޅުންނަކީ އުނިއިތުރު ކުރުމާއި، ޚިޔާނާތްތެރިކަން ކަނޑައެޅިގެން ސާބިތުވެފައިވާ ބައެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ