ކުރީގެ ރައީސް ނަޝީދު ވެރިކަމުން ފައިބާވަޑައިގެންނެވީ ވެރިކަމުގައި އަމިއްލައަށް ހުންނަވައިގެން "ބަޣާވާތް" ކުރުމަށްފަހު ކަމަށާއި އެހެން މީހަކު "ބަޣާވާތް" ކޮށްފައިނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ޖުމްހޫރީ މާލަމްގައި ކޮންމެ ހަފްތާއަކުބާއްވަމުން އަންނަ އެޕާޓީގެ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ރައީސް ނަޝީދުގެ އާއިލާއަށް ބަލާލި ކަމުގައިވިޔަސް ކާފައިން ފަށައިގެން އެކި ދުވަސްވަރު އެކި ގޮތް ގޮތަށް ނަޝީދުގެ އާއިލާއިން "ބަޣާވާތް" ކޮށްފައިވާ ކަމަށާއި އެއީ މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތް ކަމަށެވެ.
ގާސިމް ވިދާޅުވީ "އެމްޑީޕީ ކިޔާ ބައިގަނޑެއް" ހަދައިގެން އެންމެ ފުރަތަމަ 46 މީހުންގެ ސޮޔާއިއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މ.ކުނޫޒު އެޑްރެސް ނަމުގައި ކަމަށާއި އެމްޑީޕީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ކޮން ބޭފުޅެއްތޯ ބަލައިފިނަމަ އެއީ އޭނާކަން އެނގޭނެ ކަމަށެވެ.
"ބަލަ މައިންބަފައިންގެ ހިސްޓަރީއަށް ބަލާލިއިރުވެސް މިއޮތީ ބަޣާވާތްކޮށްފައި، ބަލަ ބަޣާވާތް ބަޣާވާތް މިކިޔަނީ ރައްޔިތުންނާއި ދިމާލަށް، ކާކުތޯ މައިންބަފައިންގެ ކާފައިން ފަށައިގެން ބަޣާވާތްކުރީ، އަމިއްލައަށް ވެރިކަމުގައި ހުރެގެން ބަޣާވާތްކޮށްގެން ވެރިކަމުން ފޭބީ، އެހެން މީހަކު ނޫނޭ ބަޣާވާތް ކުރީ." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައީސް ނަޝީދު ކޮންމެ އެއްޗެއް ބެއްލެވިކަމުގައިވިޔަސް އަދި ކޮންމެ އެއްޗެއް ފަރިއްކުޅުވި ކަމުގައިވިޔަސް އަދި ކޮންމެ ވާހަކައެއް ދެއްކި ކަމުގައިވިޔަސް އެމީހުންގެ މައްސަލައެއް ނެތޭ ބުނާ މީހުން މިއަދު ރާއްޖޭގައި އުޅެމުންދާ ކަމަށެވެ.
"ދެން ކީކޭތޯ ބުނާނީ، އިސްލާމަކަށްވެ ހުރެ އަޅުގަނޑުމެން މިބުނަނީ އަޅުގަނޑުމެންނަށް ވަރިހަމައޭ އޭނަ ކޮންމެ އެއްޗެއް ބުޔަސް، ކެޔަސް، މިހެން ނޫންތޯ މިބުނަނީ އޭނަ ނޫންތޯ ބުނީ ތިމަންނަ ޕާޓީގެ މެންބަރަކު އެދިއްޖެއްޔާ ކޮށްދޭނަމޭ. އެކަމަކު އެހެން ޕާޓީއެއްގެ މީހަކު ތިމަންނަ ކައިރީގައި ބުނެފިއްޔާ ތިމަންނަގެ ހުރި ނުލަފާ ކަން ދައްކާލާނަމޭ." ގާސިމް ރޭ ވިދާޅުވި އެވެ.
ދިވެހި މަސްވެރިންނަށް ދިމާވެފައިވާ އެން ލިބުމުގެ މައްސަލަ ހައްލުކޮށްދިނުމަށްޓަކައި އައްޑޫ ސިޓީގައި ހާއްސަ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ގާސިމް ރޭ ވަނީ އިއުލާންކުރައްވާފައެވެ. ގާސިމް ވިދާޅުވީ މަސްވެރިންނަށް އެން ލިބުމުގެ މައްސަލަ ހައްލުކޮށްދިނުމަށްޓަކައި އައްޑޫ ސިޓީގައި ހާއްސަ މަސައްކަތްތަކެއް ފެށުމަށްޓަކައި 15 ހެކްޓަރުގެ ބިމެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލަށް ހުށަހަޅާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިމަސައްކަތާއި ގުޅިގެން އައްޑޫއާއި ދެކުނުގެ އަދި މުޅި ރާއްޖޭގެ ހުރިހާ މަސްވެރިންނަށްވެސް ދިމާވެފައިވާ އެން ލިބުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ނަޝީދު ވެރިކަމުން ފޭބީ އަމިއްލައަށް ވެރިކަމުގައިހުރެ ބަޣާވާތްކޮށްގެން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ