އިލެކްޝަނަށް ހުށަހެޅި 3،000 ފޯމަށް ވީގޮތެއް ނޭންގޭ - ގައުމީ އިއްތިހާދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ގައުމީ އިއްތިހާދު ޕާޓީއަށް ސޮއިކޮށްފައިވާ 3،000 މެންބަރުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށާއި ނަމަވެސް އެ ފޯމްތަކަށްވީ ގޮތެއް މިއަދާއި ހަމައަށް ވެސް އެނގިފައިނުވާ ކަމަށް އެޕާޓީން ބުނެފި އެވެ.
ނަލަހިޔާ ހޮޓަލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގައުމީ އިއްތިހާދުގެ ކައުންސިލް މެންބަރު އައިމިނަތު އަލީ ވިދާޅުވީ އެ ފޯމުތައް ވީނުވީއެއް ނޭންގި ގެއްލުނީ ކީއްވެކަން އިލެކްޝަންސް ކޮމިޝަނަށް ވެސް ސާފުކޮށްދެވިފައިނުވާ ކަމަށާއި އެގޮތުން މިއަދާއި ހަމައަށް ވެސް އެކޮމިޝަނުން ޖަވާބެއްދީފައިނުވާ ކަމަށެވެ.
"މިމައްސަލާގައި އަޅުގަނޑުމެން އިލެކްޝަނާ ބައްދަލުވެސް ކުރިން، އެފަހަރަކުވެސް އެބޭފުޅުންނަކަށް މިކަމާއި ގުޅިގެން އެކަށީގެންވާ ޖަވާބެއް ނުދެއްވުނު،" އޭނާ ވިދާޅުވި އެވެ.
އައިމިނަތު އަލީ ވިދާޅުވީ އެ ތިން ހާސް ފޯމާއި އެކު މިހާރު އެ ޕާޓީގެ މެމްބަރުންގެ އަދަދު ދިހަހާހަށް އަރާނެ ކަމަށް ޕާޓީގެ ދަފްތަރުން ދައްކާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ރޭ ވެސް 400 މީހުން ޕާޓީ އާއި ގުޅުނު ކަމަށާއި އޭގެ ތެރެއިން 100 ފޯމް މިއަދު އިލެކްޝަނަށް ހުށަހަޅާނެ ކަމަށެވެ. އަދި މެންބަޝިޕް އިތުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ފެށުމުން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ގައުމީ އިއްތިހާދުގައި ތިބީ 4،012 މެމްބަރުންނެވެ. އިލެކްޝަނުން ޗެކްނުކުރާ އެޕާޓީގެ މެންބަރުންގެ އަދަދަކީ 782 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ