ކޮލަމާފުށި ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލައި ފައިސާ ވަގަށް ނެގުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ގއ. ކޮލަމާފުށި ކައުންސިލް އިދާރާގެ ތިޖޫރިއާއި މިސްކިތު ފަންޑު ފޮށި ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މިމައްސަލައިގެ ތުހުމަތުގައި ރޭ 10:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ކޮލަމާފުށި ކައުންސިލް އިދާރާގެ ފައިނޭންސް އޮފިސަރު އިއްޒަތު އަބްދުﷲ އެވެ.
އިއްޒަތު މިވަގުތު ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރާނެ އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ކޮލަމާފުށި ކައުންސިލް އިދާރާގެ އޮފިޝަލަކު ވިދާޅުވީ އިއްޒަތަކީ ކައުންސިލްގެ ތިޖޫރިއާ ހަވާލުވެ ހުންނަވާ މުވައްޒަފު ކަމަށާއި އޭނާގެ އަތުގައި ތިޖޫރީގެ ތަޅުދަނޑިވެސް އޮންނާނެ ކަމަށެވެ. ނަމަވެސް ތިޖޫރީއާއި ކައުންސިލް އިދާރާގައި ހުންނަ ބަހައްޓާފައި ހުންނަ މިސްކިތު ފަންޑުގައި ހުރި ފައިސާ ވަގަށް ނަގާފައިވަނީ ތިޖޫރީއާއި ފަންޑު ފޮށި ހަލާކުކޮށްލައިގެން ކަމަށްވެސް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ތިޖޫރީގައި 141،000 ރުފިޔާ އަދި މިސްކިތު ފަންޑު ފޮށީގައި 7،000 ރުފިޔާ ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ. ތިޖޫރީގައި ހުރި ފައިސާގެ ތެރެއިން ބޮޑު ބަޔަކީ މުވައްޒަފުންނަށް ރޯދަ އެލަވަންސް ދިނުމަށްޓަކައި ތިޖޫރީގައި ބަހައްޓާފައި ހުރި ފައިސާ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
ކޮލަމާފުށި ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ފައިސާ ވަގަށް ނަގާފައި ހުރި ކަން އެނގުނީ އިއްޔެ ހެނދުނު އޮފީސް ހުޅުވުމުން ކަމަށް ކައުންސިލް އިދާރާއިން ވަނީ މައުލޫމާތު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ