ޖޭއެސްސީގެ ރައީސްކަމުން އަބްދުﷲ އަރީފް އިސްތިއުފާ ދެއްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އިސްތިއުފާ ދެއްވައިފިއެވެ.
އަރީފް ޖޭއެސްސީގެ ރައީސް ކަމުން އިސްތިއުފާ ދެއްވާފައި ވަނީ މިއަދުއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖޭއެސްސީގެ އަށް އައްޔަންކުރެއްވީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. އަރީފް އެ މަގާމަށް އައްޔަން ކުރެއްވީ ޖޭއެސްސީގެ ރައީސް ކަމުގައި އޭރު ހުންނެވި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މެންބަރު ކަމުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
ޖޭއެސްސީގެ ރައީސް ކަމުން އަރީފް އިސްތިއުފާ ދެއްވާފައިވާއިރު އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރުންތަކެއްގެ މައްސަލަ ޖޭއެސްސީން ދަނީ ބަލަމުންނެވެ. ޖޭއެސްސީން ބަލަން ނިންމާފައި ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަ އެކެވެ.
ޖޭއެސްސީން ބަލަނީ ސުޕްރީމް ކޯޓުގެ އިޚުތިސާސުން ބޭރުން އެބޭފުޅުން މައްސަލަތަކެއް ނިންމައި ޖޭއެސްސީ އަށް ނުފޫޒު ފޯރުވާކަމަށް ބުނާ މައްސަލަތަކެކެވެ.
ސުޕްރީމް ކޯޓުން ބުނެފައި ވަނީ ޖޭއެސްސީން ބަލަން ނިންމި މައްސަލަތަކުގެ ގޮތުގައި އެ ކޮމިޝަނުގެ ނޯޓިސްގައިވާ 15 ކަންތަކަށް ބަލާއިރު، އެ ހުރިހާ ކަންތައްތަކެއްވެސް ނިސްބަތްކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ކަމާބެހޭ ގާނޫނުތަކުގެ ދަށުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކާއި އިޚްތިޔާރުތަކާއި އިޚްތިސާސްތަކުގެ ދަށުން، ސުޕްރީމް ކޯޓު އުފެދުނީއްސުރެ މިއަދާ ހަމައަށް އެ ކޯޓުން ކޮށްފައިވާ ހުކުމްތަކާއި ނެރެފައިވާ އަމުރުތަކާއި ހަދާފައިވާ ގަވާއިދުތަކާއި ނިންމާފައިވާ ނިންމުންތަކަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ