ނިރުބުވެރިއެއް ކަމަށް ލޭބަލްކޮށް މީހަކު ހައްޔަރުކުރީ ޝަހިންދާގެ ފޮޓޯއެއް ފޭސްބުކަށް ލުމުން

ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ފުރަތަމަ ފަހަރަށް މީހަކު ހައްޔަރުކުރީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލްގެ ފޮޓޯއެއް ފޭސްބުކަށް ލުމުން ކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިއްޖެއެވެ.
އެފޮޓޯއަކީ އައިއެސް ޖަމާޢާތުން މީގެ ކުރިން އާއްމުކޮށްފައިވާ ފޮޓޯއެއް ކަމަށް ބެލެވޭ ފޮޓޯއެކެވެ.
އެފޮޓޯގައި ވަޅިއެއް ހިފައިގެން ހުންނަ މީހަކު ފެންނައިރު ކުޑަކަކޫ މައްޗަށް ތިރިކޮށްފައި އިންނަ މީހާގެ ފޮޓޯ އެޑިޓްކޮށް ވަނީ ޝަހިންދާގެ ފޮޓޯއެއް ލާފައެވެ.
ޒުވާނާ ހައްޔަރުކުރީ އޭނާ ހައްޔަރުކުރަން މުރުތަދެއް ކަމަށްވާ މުޒައްފަރު މުހައްމަދު ނައީމް (މުޖޫ ނައީމް) ގޮވާލިތާ 24 ގަޑިއިރު ވެސް ނުވަނީސްކަން ފާހަގަ ކުރެވެއެވެ.
ރައީސް ޞާލިހް، ހޯމް މިނިސްޓަރ އައިޝައިހް އިމްރާން އަބްދުﷲ، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު، ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ޓެގްކޮށް މުޖޫ ނައީމް ވަނީ ޓެރަރިޒަމްގެ ޤާނޫނު ތަންފީޒު ކުރަން ފަށަނީ ކޮންއިރަކުންތޯ ސުވާލުކޮށްފައެވެ.
"މިހާރު މިކަންތައް މިދަނީ ހައްދުން ނައްޓައިގެން" މުޖޫ ނައީމް ޓްވިޓާގައި ބުނެފައި ވެއެވެ.
ހައްޔަރުކުރި ޒުވާނާ ވެސް ވަނީ މުޖޫ ނައީމަށް ރައްދު ދީފައެވެ. އޭނާ ބުނެފައި ވަނީ "ކަލޭ (މުޖޫ ނައީމް) ހީކުރަނީ ކަލޭ މަގޭ ސްކްރީންޝޮޓް ނަގައިގެން ޓްވީޓް ކުރީމަ ބިރު ގަންނާނެ ކަމަށްތަ މިހިރަ ބުރާންޗާ. ތިހެން ފޮނު އަރުވަ އަރުވާ ތިބެން ޖެހެނީ. މިގައުމަށް އިސްލާމްދީން ނޫން ދީނެއް ނުގެނެވޭނެ ﷲ އިރާދަކުރެއްވިއްޔާ."
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރި ޒުވާނަކީ ޝައްމާން ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ ކައިވެނި ކުރީ 2017 ޖުލައި މަހު އެވެ. ދެމަފިރިންނަށް ލިބުނު އަލަތު ދަރިފުޅަށް އަދި އަށް މަސް ނުވެއެވެ.
އެމްޑީއެންގެ މައްސަލަ ބޮޑުނުވަނީސް ސެޕްޓެމްބަރ 01 ގައި އޭނާ ލިޔެފައިވާ ސްޓޭޓަސްއެއްގައި ނަބިއްޔާއަށް ފުރައްސާރަ ކުރުމުގެ ޙުކުމަކީ ގަތުލުން ކުރުން ކަމަށާއި އޭނާ ތައުބާވިޔަސް އެކަމަކަށް ބަދަލު ނާންނަ ކަމަށް ބުނެފައި ވެއެވެ.
ސެޕްޓެމްބަރ 20 ވަނަ ދުވަހު އޭނާ ޝެއާ ކުރި ޕޯސްޓެއްގައި ވަނީ ސިހުރުވެރިޔާގެ ހައްދަކީ ކަނޑީގެ އެތިފަހަރަކުން ޖަހައި ބޯ ބުރިކޮށްލުމެވެ. 23 ސެޕްޓެމްބަރ ގައި އޭނާ ޝެއާކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޖުހާ ޕޭޖް ބްލްކޮ ނުކުރެވޭނަމަ އެޕޭޖް ހިންގާ ފަރާތައް ބަދު ދުޢާ ކުރަން އެދިފައެވެ.
ދީނީ ހަރުކަށި ވިސްނުމަށް ތާއިދުކޮށް ފޭސްބުކްގައި އޭނާ އެއްވެސް ޕޯސްޓެއް ކޮށްފައެއް ނުވެއެވެ.
އޭނާ ހައްޔަރުކުރިތާ ގިނަ އިރުތަކެއްނުވެ ޝަހިންދާގެ ފޮޓޯ ވަނީ ރިމޫވް ކޮށްފައެވެ. ނަމަވެސް ފޮޓޯ ފުލުހުން އޭނާ ލައްވާ ރިމޫވް ކުރުވީ ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކުރީ މުޖުތަމަޢުގައި ބިރުވެރިކަން އުފެދޭގޮތަށް މީހުންގެ ފުރާނައަށް ގެއްލުންދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ، ނިރުބަވެރި ޖަމާޢަތްތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް މީސްމީޑިއާގައި އާންމުކޮށް ހާމަކުރަމުން ދިޔަ މައްސަލަ އަކާއި ގުޅިގެން ކަމަށެވެ.
ހައްޔަރުކުރި ޒުވާނަކީ އަކީ ރައީސް ޞާލިހާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ތާއިދުކުރާ ޒުވާނެއްކަން އޭނާގެ ފޭސްބުކް އެކައުންޓްގައި ކޮށްފައި ހުރި ޕޯސްޓްތަކުން އެނގެއެވެ.
ހައްޔަރުކޮށްފައިވާ ޒުވާނާގެ އަނބިމީހާ ރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އޭނާ އާއި އެކު އަބަދުވެސް ހުރެދިނުމަށް އެދިފައި ވެއެވެ. އަދި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދެމަފިރިން ބައްދަލުވާނެ ކަމަށް ބުނެފައިވެއެވެ.
ޝައްމާން ދޫކޮށްލުމަށް އޭނާގެ ގިނަ ރަހުމަތްތެރިން ގެންދަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.
ޝައްމާންގެ މައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކުރައްވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ