މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ މައްސަލައިގައި ސަރުކާރުގެ އިދާރާތަކުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ޤާނޫނާއި އެއްގޮތައް އަމަލު ކުރައްވާނެ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރު ދިފާޢު ކުރައްވައިފިއެވެ.
އެމްޑީއެން އާއި މެދު ސަރުކާރުން ފިޔަވަޅެއް ނާޅާކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ބައްދަލުވުމެއްގައި ގާސިމް މިރޭ ވިދާޅުވީ ކަންބޮޑުވާނެ ކަމެއް ނެތް ކަމަށާއި އިސްލާމްދީން ރާއްޖެ އިން ފޮހެވިގެން ނުދާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ އެކަކަށް ވެސް މިގައުމުން އިސްލާމްދީން ފޮހެނުލެވޭނެ ކަމަށެވެ.
"އެކަމާއި ކަންބޮޑުވެ ވަޑައިނުގަންނަވާށޭ. މިގައުމުން އިސްލާމްދީން ފޮހެއެއް ނުލެވޭނެ އެކަކަށް ވެސް. ކީރިތި ޤުރުއާނަށް މަލާމާތްކޮށް ޖޯކް ޖަހާ ނުހެދޭނެ އެކަކަށް ވެސް." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އިސްލާމްދީނާއި ރަސޫލާ އާއި ކީރިތި ޤުރުއާނަށް ޖޯކް ޖަހާ މީހުންނަށް އެއްވެސް ފުރުސަތެއް ޤާނޫނުތަކުން ދެވިފައެއް ނެތްކަމަށެވެ.
"އިސްލާމްދީނާއި ރަސޫލާ އާއި ކީރިތި ޤުރުއާނަށް ޖޯކް ޖަހާ ޖަމިއްޔާއެއްގެ ސިފައިގައި އުޅޭ ބަޔަކު ކޮންމެ ކަމެއް ކުރިނަމަވެސް އަޅުގަނޑުމެންގެ ޤާނޫނުތަކާއި ޤަވައިދުތަކުގައި އެފަދަ ކަންތައްތައް ކުރާ މީހުންނަށް އެއްވެސް ފުރުސަތެއް ދެވިފައެއް ނެތްކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ. އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ކުރިމަތީގައި މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ވަރަށް ބައިވަރު ގިނަ ފަރާތްތަކެއްވޭ. ފުލުހުން އެބަވިދާޅުވޭ މައްސަލަ ބައްލަވަމުން ގެންދަވާކަމަށް. ދެން އެކަން ސަރުކާރުގެ ތެރެއިން ބައްލަވަމުން ގެންްދަވާކަން ނޭނގޭ ބޭފުޅަކު އަޅުގަނޑުމެންގެ ތެރޭގައި އެބަހުރިތޯ؟" ގާސިމް ވިދާޅުވިއެވެ.
އިސްލާމްދީނަށް ފާޑުކިޔާ މީހުންނަށް ދޭންވީ ކަމެއް ދޭނެ، ނުވަތަ ކުރަންވީ ކަމެއް ކުރާނެ މުއައްސަސާތައް މަދެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ސިފައިންނާއ ފުލުހުން އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ހަވާލުކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބާއި ފަރުޟާއި ސުންނަތް އެބޭފުޅުން އަދާނުކުރައްވާނެ ކަމަށް ގަބޫލުކޮށްގެންހޭ އަޅުގަނޑުމެން މިތިބީ. ނޫން އެއްގޮތަކަށް ވެސް އެހެނެއް ނޫން. އަޅުގަނޑަށް ކަށަވަރު އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އެފަދަ ފުރުސަތެއް މިރާޢްޖޭގެ އެއްވެސް މީހަކަށް ނުވަތަ އެއްވެސް ޖަމިއްޔާއަކަށް ނުދެއްވާނެކަން." ގާސިމް ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން އަޅުއްވަން ޖެހޭ ފިޔަވަޅު ރައީސް އަޅުއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. "ވިސްނުންތެރިކަމާއި ކެތްތެރިކަމާއި އެކު އެކަންކަން ކުރައްވާނެކަން އަޅުގަނޑުމެންނަށް ސާބިތުކޮށްދެއްވަމުން އެގެންދަވަނީ. އެހެންވީމަ އެކަމާއި ކަންބޮޑުވެގެން އަޅުގަނޑުމެން ގައުމުގައި ފަސާދަ އުފައްދަން ކަނޑި ހިފައިގެން ނިކުމެ، ބަޑި ހިފައިގެން ނިކުމެ އުޅޭކަށް ނުޖެހޭ." ގާސިމް ވިދާޅުވިއެވެ.
އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އެތައް ވާހަކައެއް ހިމަނާފައިވާ، އަދި ކީރިތި ޤުރުއާނުގައި ކަނޑައެޅިގެން ބަޔާން ކޮށްފައިވާ ބައެއް ކަންތައްތަކަކީ ބުއްދި ގަބޫލުނުކުރާ ފްލޯކް ވާހަކަތަކެއް ކަމަށް ބުނެ އެމްޑީއެން އިން ނެރުނު ރިޕޯޓަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެރިޕޯޓާއި ގުޅިގެން އެމްޑީއެން އާއި މެދު ފިޔަވަޅު އަޅާ އެޖަމިއްޔާ އުވާލަން ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
އެމްޑީއެންގެ މައްސަލައިގައި ގާސިމް ސަރުކާރު ދިފާޢުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ