ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބާރުދިން މާއްދާއެއް ބާތިލްކޮށްފި

ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުމުގެ ހުއްދައަށް އެދި ހުށައަޅާ މައްސަލަތަކުގައި ގޮތް ނިންމާނީ އެ ކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް ކަނޑައަޅާފައި އޮތްއޮތުން ބާތިލް ކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގަވާއިދުގެ ހަތަރުވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ މައްސަލަތަކާ މެދު ގޮތެއް ނިންމާނީ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް ނިންމާފައިވަނީ ކުރިން ތިއްބެވި ފަނޑިޔާރުންނެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވުމަށް ފަހު ވަނީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުންވެސް މަގާމުން ދުރުކޮށް، ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް ބަދަލުކޮށްފައެވެ. އަދި މިހާރު ވަނީ އެކޯޓަށް ފަސް ފަނޑިޔާރުން އަންޔަންވެސް ކޮށްފައެވެ.
ސުޕްރީމް ކޯޓުން ބުނެފައި ވަނީ ކޯޓުތަކުގެ ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ސުޕްރީމްކޯޓަށް މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ މައްސަލަތަކާ މެދު ގޮތެއް ނިންމަންޖެހެނީ އެ ކޯޓެއްގެ ރަޖިސްޓްރާ ކަމަށެވެ.
އެހެންކަމުން ކޯޓަށް ހުށައަޅާ މައްސަލަތަކުގައި ގޮތްނިންމާނީ ފަނޑިޔާރުންގެ ބެންޗުންކަމަށް ބުނެފައިވާ އެ މާއްދާ އަކީ ކޯޓުތަކުގެ ގާނޫނާ ޚިލާފު މާއްދާއެއް ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ގަވާއިދުގެ އެ މާއްދާ ބާތިލްކޮށްފައި ވާކަމަށެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކޮށް، އަދުލު އިންސާފު ގާއިމްކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ރިޔާސީ ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ