އެމެރިކާއިން ރޭގެ ފަތިހުގެ ވަގުތެއްގައި ދިން ޑްރޯން ހަމަލާއެއްގައި ޝަހީދުވި އީރާނުގެ ޖެނެރަލް ގާސިމް ސުލައިމާނީއަކީ ހަމައެކަނި އީރާނުގައި ނުފޫޒުހުރި ލީޑަރެއް ނޫނެވެ. އޭނާއަކީ ލުބުނާނާއި ސީރިޔާ އަދި އިރާގާއި ޔަމަނުގައިވެސް އެހާ ނުފޫޒުގަދަ ބޭފުޅެކެވެ.
ފާއިތުވި އަހަރުތަކުގައި އީރާނުގައި އެންމެ ހަލުވިކޮށް ކުރިއަރަމުން މަގްބޫލުކަން ހޯދަމުން އައިސްފައިވާ ލީޑަރަކީވެސް ޖެނެރަލް ސުލައިމާނީއެވެ. މިސަބަބަށްޓަކައި އީރާނުގެ ރައީސްކަންވެސް އޭނާ ކުރައްވާނޭ ކަމަށް ގިނަ ބަޔަކު ތިބީ ޔަގީންކޮށްގެންނެވެ. އީރާނުގެ އިންގިލާބީ ގާޑުންގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ ލަޝްކަރަކީ ގުދުސް ލަޝްކަރެވެ. ޖެނެރަލް ސުލައިމާނީއަކީ އެ ލަޝްކަރުގެ އެންމެ އިސް ކޮމާންޑަރެވެ. އީރާނުގައި އޭނާގެ މަޝްހޫރުކަން އުދަރެހާ ހަމަޔަށް އުފުލިގެންގޮސްފައިވިޔަސް އީރާނުން ބޭރުގައި ޖެނެރަލް ސުލައިމާނީގެ ހަގީގީ ބާރާއި ނުފޫޒު އެނގުން ކުޑައެވެ. ފާއިތުވި ހަތަރު ފަސް އަހަރެއްގެ ތެރޭގައި މުޅި މެދުއިރުމަތީގެ ސިޔާސީ އަދި އަސްކަރީ ތިލަފަތަށް އެންމެ ބޮޑު އަސަރެއް ފޯރުވި ބޭފުޅަކީ އެއްވެސް ޝައްކެއްނެތި ޖެނެރަލް ސުލައިމާނީއެވެ.
އީރާނުގެ ތެރޭގައި ޖެނެރަލް ސުލައިމާނީގެ މުހިންމުކަމާއި ނުފޫޒު ފެތުރިފައިވާ މިންވަރަށް ބަލާއިރު އޭނާއަކީ އެގައުމުގެ ރައީސަށްވުރެވެސް ބާރުގަދަ ބޭފުޅެއްކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. އީރާނުގެ ސިޔާސީ މައިދާނުގެ ދެފަރާތުގައި ތިބި އެންމެންނާވެސް ޖެނެރަލް ސުލައިމާނީ ގުޅުން ބާއްވަވައެވެ. މުވާސަލާތު ހިނގައެވެ. އެހެން ފަރާތެއް މެދުވެރިކުރުމެއްނެތި އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީއާ ބައްދަލުކޮށް މަޝްވަރާކޮށް ކަންކަން ނިންމެއެވެ. މެދުއިރުމަތީގައި އީރާނުން ގެންގުޅޭ ސިޔާސަތު ބައްޓަންކޮށް އެ ސިޔާސަތު ސިޔާސީގޮތުންނާއި އަސްކަރީގޮތުން ތަންފީޒުކުރުމުގެ އެންމެ އިސްވެރިޔަކީވެސް ޖެނެރަލް ސުލައިމާނީއެވެ. ރޫހީ ލީޑަރު އަލީ ޚާމަނާއީ ފިޔަވައި އެހެން ބޭފުޅަކަށް މިވަރުގެ ބާރާއި އިޚުތިޔާރުތަކެއް ލިބިފައި ނޯވެއެވެ.
މެދުއިރުމައްޗަށް އީރާނުގެ ނުފޫޒު ފެތުރުމުގެ ޒިންމާ އޮންނަނީ ގުދުސް ލަޝްކަރާ މަތިކުރެވިފައެވެ. އެ ލަޝްކަރުގެ ކޮމާންޑަރުގެ ގޮތުގައި ޖެނެރަލް ސުލައިމާނީ ކުރައްވާފައިވަނީ ލާމަސީލު މަސައްކަތްތަކެކެވެ. ކާމިޔާބު މަސައްކަތްތަކެކެވެ. ސީރިޔާ އާއި ލުބުނާން އަދި ޔަމަނާއި އިރާގުގައި ޖަމާއަތްތަކެއް އުފެދި އެޖަމާއަތްތައް ފުޅާވެ ބާރުގަދަވެ އެތަންތަނުގައި އީރާނުގެ ނުފޫޒު ގަދަވުމުގެ މޭސްތިރިޔަކީ އުމުރުން 62 އަހަރުގެ ޖެނެރަލް ސުލައިމާނީއެވެ. މީހުން ފޮނުވަންވީވަރަކާއި ޚަރަދުކުރަންވީ މިންވަރުވެސް ނިންމަވަނީ އޭނާއެވެ. ލުބުނާނުގައި ހުއްޓުމެއްނެތި ހިޒްބު ﷲ ޖަމާއަތް ކުރިއަރަމުން ދިޔުމާއި ޔަމަނުގެ ހޫސީން ސައުދީ ލަޝްކަރުގެ ކުރިމަތީގައި ބަލިނުވެ ހިފެހެއްޓުމާއި ސީރިޔާގެ ރައީސް ބައްޝާރުގެ ސަރުކާރު ދެމިއޮތުމާއި އިރާގައި ޝިޔާ ޖަމާއަތްތަކުގެ ބާރު ގަދަވަމުންދިޔުމުގެ ފަހަތުގައި ހުންނެވީ ޖެނެރަލް ސުލައިމާނީ ފިޔަވައި އެހެން ބޭފުޅެއް ނޫނެވެ.
ސުލައިމާނީ ނިސްބަތްވަނީ އީރާނުގެ އިރުމަތީބިތުގެ އަވަށަކަށެވެ. އުމުރުން އެންމެ ތޭރަ އަހަރުގައި އަވަށް ދޫކޮށް އެހެން ސަހަރަކަށް ބަދަލުވީ ސަރުކާރަށް ބައްޕަ އަދާކުރަންޖެހޭ ދަރަންޏެއް އަދާކުރުމަށް ފައިސާ ހޯދުމުގެ ގޮތުން މަސައްކަތް ކުރުމަށެވެ. ޝާހު ރިޒާ ޕަހެލަވީގެ ރަސްކަން ވެއްޓި އީރާނަށް އިންގިލާބު އައުމުން ޒުވާން ސުލައިމާނީ ގުޅިވަޑައިގަތީ އިންގިލާބީ ގާޑުންގެ ލަޝްކަރާއެވެ. މިއީ އިންގިލާބީ ވެރިކަން ވެއްޓުނަ ނުދިނުމަށް އަމާޒުކުރެވިގެން އެކުލަވާލެވުނު ލަޝްކަރެކެވެ. ދެ އަހަރު ފަހުން ސުލައިމާނީ ފޮނުވުނީ ހަނގުރާމައިގެ މައިދާނަށެވެ. އިރާގު ސިފައިން އީރާނަށް އަރައިގަތުމުން ގައުމު ދިފާއުކުރާށެވެ. ސުލައިމާނީގެ ވިސްނުން ތޫނުކަމާއި ހުޝިޔާރުކަމުން އިސާހިތަކު ކުރިއަރައިގެންގޮސް ބްރިގޭޑެއްގެ ކޮމާންޑަރަކަށްވެސް ވެވިއްޖެއެވެ.
ގުދުސް ލަޝްކަރުގެ އެންމެ އިސް ކޮމާންޑަރުގެ ގޮތުގައި ފާއިތުވި ސަތާރަވަރަކަށް އަހަރުގެ ތެރޭގައި ޖެނެރަލް ސުލައިމާނީ ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ސިއްރަކީ އޭނާގެ މިޒާޖާއި މުވާސަލާތު ކުރުމުގެ ހުނަރެވެ. މުހިންމު މީހުން ދެނެގަނެ އެމީހުންނާ މަޝްވަރާކުރުމެވެ. ސަރުކާރުގެ ތެރެއިންނާއި ބޭރުންނެވެ. ދޭސީންނާއި ބިދޭސީންގެ ތެރެއިންނެވެ. ހުޅަނގުގެ ގައުމުތަކުން ރާވައިގެން އީރާނުގެ ތެރޭގައި ހިންގަން މަސައްކަތްކުރި ހަމަނުޖެހުންތަކާއި މަގުމަތީގެ މުޒާހަރާތައްވެސް 2009 ގައި ހަމަޔަކަށް އެޅުވުމުގެ މޭސްތިރިޔަކީ ޖެނެރަލް ސުލައިމާނީއެވެ. ހަމައެހެންމެ އިރާގުގައި ހުޅަނގުން ބާރުދީގެން ބަގުދާދުގެ މަގުތަކަށް މީހުން ނެރެގެން ޖަހާން އުޅުނު ސަކަރާތްވެސް ނާކާމިޔާބުވުމުގެ ސިއްރަކީ ހަމަ ޖެނެރެލް ސުލައިމާނީއެވެ.
މީގެ އަށާރަމަސް ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޖެނެރަލް ސުލައިމާނީ ވަރުގަދަ އިންޒާރެއް ދެއްވިއެވެ. ވިދާޅުވިއެވެ. ޓްރަމްޕަކީ މޮޔައެކެވެ. އީރާނު އޮތީ އޭނާ ހީކުރާވަރަށްވުރެ އޭނާޔާ ގާތުގައެވެ. އޭނާޔަށް ހަނގުރާމައެއް ފެށިދާނެއެވެ. އެކަމަކު އެ ހަނގުރާމަ ނިންމާނީ އަހަރެމެންނެވެ.
ޖެނެރަލް ގާސިމް ސުލައިމާނީއަކީ ކާކު؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ