މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ ސޯޝަލް މީޑީއާގައި ޕޯސްޓްކުރި ފޮޓޯ ތަކަކާއި ގުޅިގެން ސުނީތާ އާއި މަޝްހޫރު ނެށުންތެރިޔާ ޑިސްކޯ އަބްދުﷲ ކައިވެނި ކޮށްފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ސުނީތާ ދޮގުކޮށްފިއެވެ.
ސުނީތާ ބުނީ އާންމުކޮށްފައިވާ ފޮޓޯތަކަކީ އޭނާގެ ލަވައެއްގެ މަސައްކަތް ނިމުމާއި ގުޅިގެން ޕޯސްޓް ކުރި ފޮޓޯތަކެއް ކަމަށާއި އޭނާ ކައިވެނި ނުކުރާ ކަމަށެވެ.
"ވަރަށް ގިނަ ބަޔަކު ގުޅާފަ ކޮންގްރާވެސް އެބަ ކިޔާ. އެކަމަކު އަހަރެން އަދި މެރީއެއް ނުކުރަން. އެ ފޮޓޯ އަކީ ލަވައެއްގެ މަސައްކަތް ނިމުނީމަ ލާފަ އިން އެއްޗެއް"، 'އީވަގުތާއި' ވާހަކަ ދައްކަމުން ސުނީތާ ބުންޏެވެ.
ސުނީތާ ބުނީ މި ފޮޓޯ ތަކަކީ ކުރިންވެސް އާންމު ކޮށްފައިވާ ފޮޓޯތަކެއް ކަމަށާއި، އެއީ ޕްރިޔަންކާގެ ފިލްމު، 'މޭރީ ކޮމް' އަށް އޭނާ ތައްޔާރުކުރި ޕްރޮމޯޝަނަލް ވީޑިއޯއެއްގެ މަސައްކަތުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.
މި 'ކައިވެނީގެ ވާހަކަ' ސުނީތާ ދޮގުކުރި ނަމަވެސް، 'އީވަގުތަށް' މީގެ ކުރިން ދިން އިންޓަރވިއުއެއްގައި ސުނީތާ ބުނެފައިވަނީ އޭނާ ޒަވާޖީ ހަޔާތެއް ފެށުމަށް ވިސްނަމުންދާ ކަމަށާ ނަމަވެސް އަދި އޭނާ ބޭނުންވާ ވައްތަރުގެ މީހަކާއި ދިމާ ނުވާކަމަށެވެ.
"އަޅުގަނޑަކީ ވަރަށް އަމިއްލަ މަސައްކަތުން އަމިއްލަ ފައިމައްޗަށް ތެދުވެގެން އަމިއްލަޔަށް ދިރިއުޅޭ ހިތްވާ މީހެއް. އެހެން މީހަކު ދިނީމަ ކައިގެން އުޅޭހިތްވާ މީހެއް ނޫން. އެކަން އަންޑަރސްޓޭންޑްވާ، އެވަރުގެ މީހެއް ލައިފަށް އައިމަ (ކައިވެނި ކުރާނަން)" ސުނީތާ ބުންޏެވެ.
ނެށުމުގެ ދާއިރާގައި 20 އަހަރު ހޭދަކޮށްފައިވާ ސުނިތާ މިހާރު ވަނީ ލަވަކިޔުމުގެ ދާއިރާގައިވެސް މަސައްކަތް ކުރަން ފަށާފައެވެ.
ސުނީތާ އާއި ޑިސްކޯ އަބްދުﷲ ކައިވެންޏެއް ނުކުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ