ކުޑަކުދިންތަކަކާ ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ މައްސަލައެއްގައި ހިމެނޭ 53 އަހަރުގެ މީހާ ދަށު ކޯޓުން ދޫކޮށްލާފައިވަނިކޮށް އަލުން ބަންދުކުރުމަށް ހައިކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަމުރު ކޮށްފިއެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ 2011 ވަނަ އަހަރުން ފެށިގެން އެކި ދުވަސްމަތިން ތަފާތު 3 ކުއްޖަކާ ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވެ އެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު ކަމަށާއި އަދު އޭގެ ފަހުން 4 ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު ވެސް އިތުރުކޮށްފައިވާ ކަމަށެވެ.
އޭނާ ދޫކޮށްލާފައިވަނީ، 5 ވަނަ ފަހަރަށް މުއްދަތު އިތުރު ކުރުމަށް ޏ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.
އޭނާ ދޫކޮށްލުމަށް ދަށު ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި، އޭނާ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަފާނެކަމަށްޓަކައި، އަދި އޭނާގެ ކިބައިން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި، އޭނާ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
ކުޑަކުދިންތަކަކާއި ބެހިގެން ދަށު ކޯޓުން ދޫކޮށްލި މީހާ ހައްޔަރުކުރަން ހައިކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ