130 ކިލޯގެ ޑުރަގް އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުވާ ޕީއެންސީގެ ކައުންސިލް މެމްބަރު ސަސްޕެންޑްކޮށްފި

ކަންނެލި ދޯންޏެއްގައި ރާއްޖެއަށް 130 ކިލޯ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ޝަހީބް އިބްރާހިމް، ޕީއެންސީގެ ކައުންސިލް މެމްބަރު ކަމުން ސަސްޕެންޑުކޮށްފި އެވެ.
ޕީއެންސީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހިމެނޭ ޝަހީބު ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ގއ. ވިލިނގިލީ ދާއިރާ އަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަ ވެސް ކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޝަހީބުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ވަކިގޮތެއް ނިމެންދެން އެޕާޓީގެ ކައުންސިލް މެމްބަރުކަމުން ވަގުތީ ގޮތުން އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، ޝަހީބަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް މީހެކެވެ.
އެގޮތުން އިރާން ބޯޓުން ހައްޔަރުކުރި ހަތް މީހުންނާއި ޖާމިނު ވެފައިވަނީ ވެސް ޝަހީބް ކަމަށާއި ނަމަވެސް އޭނާ ޖާމިނުކޮށް އީރާން ހަތް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ކަންނެލި ދޯންޏެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެގޮތުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ކަންނެލި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ހުޅުމާލެ ފަޅަށް ވައްދައި ފާސްކުރި އިރު އޭގެ ތެރެއިން 130 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ.
ޝަހީބުގެ އިތުރުން އެ މައްސަލައިގައި ދެން އިސްކޮށް އުޅުނު ކަމަށް ފުލުހުން ބުނީ، ހއ. ހޯރަފުށީ/ ވައިލެޓްވިލާ އަހްމަދު މޫސާ އެވެ. އެ ދެމީހުންގެ ވަނަަވަރު ވެސް ފުލުހުން ވަނީ މިއަދު އާންމުކޮށްފަ އެވެ. މި ދެ މީހުންގެ އިތުރުން މި މައްސަލައިގައި އިތުރު ހަތަރު މީހަކާއި ކުޑަކުއްޖަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި ޝަހީބުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު އަހުމަދު މޫސާގެ ބަންދަށް ދިނީ ފަސް ދުވަހެވެ. އަދި ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުން 10 ދުވަސް ޖަހާފައިވާއިރު ބާކީ ދެން ހިމެނޭ މީހުންގެ ބަންދަށް ޖެހީ 15 ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ