ކޮވިޑްގައި މަރުވާ މީހުން ވަޅުލަން ރާއްޖެ ގެންނަން ތާއީދެއް ނުކުރަން: މައުމޫން

ކޮވިޑް-19 ޖެހިގެން އެހެން ގައުމުތަކުގައި މަރުވާ މީހުން ވަޅުލަން ރާއްޖެ ގެނައުމަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދާތީ، އެ މައްސަލަ ބޮޑުވެ ރާއްޖޭގައި ލަންކާ މުސްލިމުން ވަޅުލުމުގެ އިންތިޒާމެއް ހަމަޖައްސައިދޭން އެދިފައި ވަނިކޮށް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހެން ގައުމުތަކުގެ އެކި ދީންތަކުގެ މީހުން ރާއްޖެ އައިސް އުފާވެރިކަމާ އެކު ރާއްޖޭގައި އުޅެން ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ.
"އެކަމަކު ކޮވިޑް ޖެހިގެން މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ އަޅުގަނޑަށް ތާއީދުކުރެވޭ ކަމެއް ނޫން،" ރައީސް އޮފީސް ޓެގް ކުރައްވައި މައުމޫން ކުރެއްވި ޓްވީޓްގައިވެ އެވެ.
ނަމަވެސް މިކަމުގައި ދީނީ ގޮތުން ދެކެވަޑައިގަންނަވާ ގޮތެއް މައުމޫން ހާމަކުރައްވައިފައެއް ނުވެ އެވެ.
We warmly welcome all foreign visitors irrespective of their nationality and faith and wish them a happy and peaceful stay here. But bringing the bodies of foreign Covid-19 victims to be buried in Maldives is something that I cannot support. @presidencymv— Maumoon Abdul Gayoom (@maumoonagayoom) December 14, 2020
މައުމޫންގެ ޓްވީޓްރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ކޮވިޑުގައި ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް އެ ގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ވިދާޅުވެ އެ ގައުމުގެ ރައީސް ގޮތަބަޔަ ރާޖަޕްކަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އެހެންވެ ރައީސް ގެންދަވަނީ ކަމާބެހޭ ފަރާތްތަކާ އެކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވަމުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
"އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގުސަދުގައި އަދި ދިވެހިރާއްޖެއާ ސްރީ ލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންނެވެ،" ބަޔާނުގައިވެ އެވެ.
ލަންކާގެ މި އެދުމާ އެކު، ރާއްޖޭގެ ދީނީ ބައެއް އިލްމުވެރިން ވެސް ވަނީ އެއީ ލަންކާގެ މުސްލިމުންނަށްޓަކައި އޮތް ކިޔާފަތުގެ ފަރުޟެއް ކަމަށް ވިދާޅުވެފަ އެވެ. މުސްލިމުން އެހީ އަށް އެދުމުން އެހެން މުސްލިމުން އެހީވާން ޖެހޭނެ ކަމަށާއި ސަރުކާރުން ލަންކާގެ މުސްލިމުން ގެނެސް ރާއްޖޭގައި ޖަނާޒާ ބޭއްވުމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެ ބައެއް އިލްމުވެރިން ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.
ނަމަވެސް ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާގައި ވިދާޅުވެފައި ވަނީ ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން އެ ގައުމުގައި ވަޅުލުމުގެ ފުރުސަތު އެ ގައުމުގެ ސަރުކާރުން ދޭން ޖެހޭނެ ކަމަށާއި އެއީ އިންސާނީ އަދި ދީނީ ހައްގެއް ކަމަށެވެ.
"އެ ގައުމުގެ ސަރުކާރުން އެ ފުރުސަތު މުސްލިމުންނަށް ނުދީ މުސްލިމުންގެ ހަށިތައް އާއިލާތަކުގެ ނުރުހުމުގައި އެ މީހުންގެ އަމިއްލަ ގައުމުން ބޭރުކުރުމުގެ ތެރެއަށް އެހެން ގައުމަކުން ތަދައްހުލްވުމަކީ ހައްލެއް ނޫން. ހައްލަކީ އެ މީހުންގެ ހައްގުތައް ހޯދައިދިނުމަށް ވަކާލާތުކުރުން،" ޝަހީމް ލިޔުއްވާފައިވެ އެވެ.
ކޮވިޑްގައި މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި ލަންކާ އިން ނިންމާފައިވަނީ އަންދާލުމަށެވެ. ބުޑިސްޓުންގެ އަޣުލަބިއްޔަތު އޮންނަ ލަންކާގައި މުސްލިމުންނާއި ކްރިސްޓިއަނުން ވެސް ކޮވިޑްގައި މަރުވެއްޖެ ނަމަ އަންދާލާތީ އަންނަނީ އެކަމާ ނުރުހުން ފާޅުކޮށް އިހުތިޖާޖު ވެސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ