ތުލުސްދު އާއި ފުނަދޫ ކޯޓުގެ އަމުރު ސައްހަ: ހައި ކޯޓު

ށ. އަތޮޅު ކައުންސިލްގެ އިދާރާ ހިންގާނީ ށ. ފުނަދޫގައި ކަމަށާއި ކ. އަތޮޅު ކައުންސިލްގެ އިދާރާ ހިންގާނީ ތުލުސްދޫގައި ކަމަށް ބުނެ އެ ދެ ތަނުގެ މަސައްކަތަށް ހުރަސް ނޭޅުމަށާއި އެ ތަންތަނުގެ ތަޅުދަނޑި ހަވާލުކުރުމަށް ނެރުނު ދެ އަމުރު ވެސް ސައްހަ ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކަނޑައަޅައިފި އެވެ.
ފުނަދޫ އާއި ތުލުސްދޫ ކޯޓުގެ އަމުރު ދައުލަތުން އިސްތިއުނާފަށް ހުށަހެޅުމާ ގުޅިގެން އެކަމާ މެދު ހުކުމްކުރުމަށް ބޭއްވި ޝަރީއަތުގައި ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ވިދާޅުވީ ކޯޓު އަމުރު ނެރުމުގެ ކުރިން ފުލުހުންގެ ބަހެއް ހޯދާފައިވާ ނުވާ ކަމަށާއި އެއީ އެންމެ އަދުލުވެރި ގޮތް ނޫން ކަމަށް ދައުލަތުން ބުނި ކަމުގައި ވިޔަސް އެފަދަ އަމުރުތައް ނެރުމުގައި ބަލާ އުސޫލުތައް ހާލަތާ ގުޅިގެން ބަދަލުވާ ކަމަށެވެ. އެގޮތުން ވަގުތު ފާއިތުވުމުގެ ކުރިން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމާއި މަގްސަދު ހާސިލު ނުވެ ހިނގައިދާނެ ފަދަ ވަގުތުތަކުގައި އަދި ބަޔަކަށް ގެއްލުމެއް ލިބިގެން ހިނގައިދާނެ ފަދަ ކަމަކާ ގުޅިގެން، ކޯޓު އަމުރު ނެރޭ ގޮތް ބަދަލުވެދާނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ ތުލުސްދޫ މެޖިސްޓްރޭޓް ކޯޓާއި ފުނަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައި ވަނީ ޝަރުއީ ކޯޓުތަކުގައި އެކަން ކުރަމުން އަންނަ އުސޫލާ ހިލާފަށް ކަމަށް ބަލާނެ ތަނެއް ނެތް ކަމަށް ވިދާޅުވި އެވެ.
ވަގުތީ އަމުރަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 127 ވަނަ މާއްދާ، 128 ވަނަ މާއްދާ އަދި 155 (ތ) މާނަކުރަން ޖެހޭ ދެ މައްސަލަ ކަމަށާއިއެ ދެ މައްސަލައަށް ވަކި ގޮތްތަކެއް ނިންމުމުގެ ކުރިން، އަމުރުގެ ސަބަބުން އެ މައްސަލަތަކުގެ މައުޟޫއީ ގޮތެއްގައި ބަލަންޖެހޭ ކަންކަމާ މެދު ކޯޓުން ގޮތެއް ކަނޑައެޅޭ ކަމަށް ދައުލަތުން ބުނެފައި ވިޔަސް ހައި ކޯޓުން ނިންމާފައި ވަނީ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގައި ވަނީ ފުލުހުން މަސައްކަތަށް ހުރަސް ނޭޅުމާއި ތަޅުދަނޑި ހަވާލުކުރުމަށް ކަމަށެވެ. އަދި އެ ތަންތަނުގެ ގާނޫނީ ހައިސިއްޔަތާ މެދު ކޯޓު އަމުރުން ގޮތެއް ކަނޑައަޅާފައި ނެތް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުން އިއްތިފާގުވެ ވަޑައިގެންފައިވެ އެވެ.
އެހެންވެ، ފުނަދޫ އާއި ތުލުސްދޫ ކޯޓުން އަމުރު ނެރެފައި ވަނީ ކޯޓު އަމުރުތައް ނެރުމުގައި ގެންގުޅޭ ގާނޫނީ އަދި ޝަރުއީ އުސޫލުތަކާ ހިލާފަށް ނޫން ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކުރައްވައިފަ އެވެ.
ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރުގައި ބުނެފައި ވަނީ ތުލުސްދޫގައި ހިންގި އަތޮޅު އޮފީހުގެ ތަޅުދަނޑި ކައުންސިލާ ނުވަތަ ކައުންސިލްގެ ރައީސާ ހަވާލު ކުރުމަށެވެ.
އަދި ފުނަދޫ ކޯޓުން ފުލުހުންނަށް އަމުރުކުރީ ށ. އަތޮޅު ކައުންސިލްގެ މަސައްކަތަށް ހުރަސް ނޭޅުމަށާއި ފުނަދޫގައި ހުރި ކުރީގެ އަތޮޅު އޮފީސް ހިންގި އިމާރާތުގައި ކުރިއަށްދާ އަތޮޅު ކައުންސިލްގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ އެއްވެސް އަމަލެއް ކުރަމުންދާ ނަމަ، އެ އަމަލެއް ވަގުތުން ހުއްޓާލުމަށެވެ.
45: 4 - މިލަންދު އަށް އަތޮޅުވެރިކަން ބަދަލުކުރުމާ އެކު ށ. އަތޮޅު ގޭގައި އަޅުވާފައި ހުރި ބޮޑު ތަޅު ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ދެންމެ ހުޅުއްވައިދެއްވައިފި އެވެ.
އެއާ އެކު ދޮޅު އަހަރުތެރޭ ފުރަތަމަ ފަހަރަށް އަތޮޅުގެ އަށް އާއްމުން ވަދެ އުފާފާޅުކުރަން ފަށައިފި.
28: 4 - ހައި ކޯޓުގެ ހުކުމާ ގުޅިގެން ފުނަދޫގައި އުފާފާޅު ކުރަން ފަށައިފި.
އަތޮޅު ކައުންސިލް އިދާރާ އަށް ދާ މަގު ބަންދުކުރަން ބަހައްޓާފައި ހުރި ޖޯލިފަތިތައް ނަގައި މަގު ސާފުކުރަން ފަށައިފި.
ފުލުހުން ދެއްކި ކެތްތެރިކަމަށް ރައްޔިތުން ސާބަސްދޭ ކަމަށް ބުނެ ފުލުހުންނަށްޓަކައި ހާއްސަ ހަފްލާއެއް ބާއްވަން ތައްޔާރުވާން ވެސް ފަށައިފި.
އުފާފާޅުކުރުމަށް ހަވީރު 00: 6 ގައި ބޮނޑިބަތާއި ކުޅި މަސް ކެއުން އޮންނާނެ ކަމަށް އިއުލާންކޮށްފި.
- އަތޮޅު ކައުންސިލް އިދާރާގެ މައްސަލާގައި ކ. ތުލުސްދު އާއި ށ. ފުނަދޫ ކޯޓުން ވަގުތީ އަމުރު ނެރުނީ ޝަރުއީ ހަމަތަކާ އެއްގޮތަށް ކަމަށް ހައި ކޯޓުން ދެންމެ ހުކުމްކޮށްފި.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ