ކާށިދޫ ދާއިރާގެ ގޮނޑިއަށް ޕީޕީއެމުން ކެންޑިޑޭޓަކު ނެރޭނެ

ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރުމަށް ޕީޕީއެމުން ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީޕީއެމުންގެ ކައުންސިލް މެންބަރު މުހައްމަދު ނިމާލް މިއަދު ވިދާޅުވީ ކޮންމެ ބައި އިލެކްޝަނެއްގައި ޕީޕީއެމުން ކެންޑިޑޭޓަކު ނެރުމަށް ޕާޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށާއި އެގޮތުން ކާށިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ ޓިކެޓްގައި ކެންޑިޑޭޓަކު ވާދަ ކުރައްވާނެ ކަމަށެވެ.
ނިމާލު ވިދާޅުވީ ކާށިދޫ ދާއިރާގެ ގޮނޑިއަށް ޕީޕީއެމް ޓިކެޓްގައި ނުކުންނަން ބޭނުންވާ ފަރާތްތަކަށް ޕީޕީއެމުގެ ޓިކެޓަށް އެދުމުގެ ފުރުސަތު މިއަދު އާންމުކޮށް ހުޅުވާލާނެ ކަމަށެވެ.
އަދި އެއްފަރާތަކަށް ވުރެ ގިނަ ފަރާތަކުން ޕީޕީއެމްގެ ޓިކެޓްގައި ނުކުންނަން ބޭނުންވެގެން އެދިއްޖެނަމަ ޕީޕީއެމް ޓިކެޓް ދޭނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށްވެސް ނިމާލު ވިދާޅުވި އެވެ.
ކާށިދޫ ދާއިރާގެ ގޮނޑީގައި ކުރިން އިންނެވި އިސްމާއިލް އަބްދުލް ހަމީދުގެ މައްސަލަ ކްރިމިނަލް ކޯޓްގައި އޮތް ދުވަސްވަރު، އެ ގޮނޑި ހުސްވެއްޖެ ނަމަ އެ ދާއިރާއަށް ވާދަކުރައްވަން ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫންގެ ފަރާތުން ވެސް ކުރިން ވަނީ ބުނެފަ އެވެ.
އިއްޔެ އިއުލާން ކުރި ކާށިދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ވެސް ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެ ޕާޓީން ބުނެފައިވާއިރު ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ޖާބިރުވެސް ވަނީ އެ ގޮނޑިއަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
އަދި އެ ގޮނޑިއަށް ޖުމްހޫރީ ޕާޓީން ވާދަ ކުރާނަމަ ނެރޭނެ ކެންޑިޑޭޓަކީ ޖާބިރު ކަމަށް އެ ޕާޓީގެ ކައުންސިލުން ރޭ ވަނީ ފާސް ކޮށްފަ އެވެ.
އެހެން ނަމަވެސް ޑީއާރުޕީން ބުނެފައިވަނީ އަދި ކަށިދޫ ދާއިރާގެ ގޮނޑިއަށް ޑީއާރްޕީން ވާދަކުރުމާއިމެދު ގޮތެއް ނިންމާފައިނުވާ ކަށެވެ.
ކާށިދޫ ދާއިރާ ކުރީގެ މެންބަރު އިސްމާއިލް އަބްދުލް ހަމީދުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އިލެކްޝަނުން ކަށިދޫ ދާއިރާގެ ބައި އިލެކްޝަން އިއްޔެ ވަނީ އިއުލާން ކޮށްފަ އެވެ.
ކާށިދޫ ދާއިރާގެ ބައި އިލެކްޝަން އޭފްރީލް މަހު 14 ގައި ބޭއްވުށް އިލެކްޝަނުން ނިންމާފައިވާއިރު ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަންވެސް ހަމަ އެދުވަހު ބޭއްވުމަށް އިލެކްޝަނުން ވަނީ ނިންމާފަ އެވެ.
މި ގޮނޑިއަށް ވާދަކުރާނެ ކަމަށް މިހާތަނަށް ބުނެފައިވަނީ އެމްޑީޕީއާ ޕީޕީއެމުން އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ