މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ފްލެޓް އެޅުމަށް ފައިނޭންސް ޕާޓްނަރެއް ހޯދުމަށް ހައުސިން ޑިވެލޮޕްމެންޓް ފިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި އެކު ކަސްޓަމްސް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު ހެނދުނު ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ އެވެ. އަދި އެޗްޑީއެފްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ އޮޕަރޭޝަންސް ޑައިރެކްޓަ އެންޑް ކޮމްޕެނީ ސެކްރެޓަރީ ރަހީމާ ސަލީމް އެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ކަސްޓަމްސްގެ މުވައްޒަފުންނަށް ފަސޭހައިން ބޯހިޔާވަހިކަމާއި ލޯނު ލިބޭނެ ކަމަށާއި،
މި އެއްބަސްވުމުގެ ދަށުން 300 ފްލެޓްގެ ތެރެއިން 80 ފްލެޓް އެޅުމަށް ފިނޭންސް ޕާޓްނަރެއް ހޯދުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ތިން ފޭސް އަކަަށް ބަހާލައިގެން ކަމަށާއި މި ފްލެޓްތައް އެޅުމަށް ބޭނުންވާ ބިން އެޗްޑީއެފްސީ އާއި ގުޅިގެން ހޯދާފައިވާ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.
މީގެ އިތުރުން އައްބާސް ވިދާޅުވީ ފްލެޓަށް އެދުމުގެ ފުރުސަތު ކަސްޓަމްސްގެ އަހަރީ ދުވަހު އިފްތިތާހް ކުރާނެ ކަމަށާއި ލޯނު އަދި ފްލެޓް ދިނުމުގައި ކެޓަގަރީތަކެއް ވެސް ކަނޑައަޅާނެ ކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޗްޑީއެފްސީގެ އޮޕަރޭޝަންސް ޑައިރެކްޓަ އެންޑް ކޮމްޕެނީ ސެކްރެޓަރީ ރަހީމާ ސަލީމް ވިދާޅުވީ އެހެން ފަރާތްތަކަށް އެޗްޑީއެފްސީއިން ދޫކުރާ ލޯނުތަކާއި މި ލޯނުތަކާއި ތަފާތުވާނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން އަޅާ ފުލެޓު ލިބޭ މުވައްޒަފުންނާއި ލޯނު ނަގާ މުވައްޒަފުން ފައިސާ ދައްކައި ހަލާސްކުރަން 20 އަހަރުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، މަހެއްގެ މައްޗަށް ދައްކަންޖެހޭ ފައިސާ މުވައްޒަފުންގެ މުސާރައިން ކަނޑާ ގޮތަށް ހަމަޖެހިފައިވާ ކަމުގައިވެސް އެޗްޑީއެފްސީއިން ބުނެ އެވެ.
މީގެ އިތުރުން މި ޕްރޮޖެކްޓްގެ ފުރަތަމަ ފޭސް އަށް ގާތްގަނޑަކަށް 8 ނުވަތަ 10 މިލިއަން ޑޮލަރު ހަރަދުވާނެ ކަމުގައިވެސް ކަސްޓަމްސް އިން ބުނެ އެވެ.
ފްލެޓް އެޅުމަށް ކަސްޓަމްސްއިން ފައިސާ ހޯދަން އެޗްޑީއެފްސީއާއެކު އެއްބަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ