ދުންޔާ މަގާމުން ވަކިވެގެންދާތީ ހިތާމަ ކުރަން: މައުމޫން

ފޮރިން މިނިސްޓަރު ކަމުގެ މަގާމުން ދުންޔާ މައުމޫން ވަކިވެގެންދާތީ އެކަމާއި ހިތާމަ ކުރައްވާކަމަށް ޕީޕީއެމްގެ ރައީސް، އަދި އެކަމަނާގެ ބައްޕާފުޅު ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގައި ހުންނަވައިގެން ދުންޔާ ކުރެއްވި ފުރިހަމަ މަސައްކަތްތަކަށް ޝުކުރު އަދާ ކުރާ ކަމަށާއި އަދި މަގާމުން ވަކިވެގެންދާތީ އެކަމާއި ހިތާމަ ކުރައްވާ ކަމަށެވެ. އަދި ދުންޔާ އަކީ ފަހުރުވެރި، ދަރިއެއްގެ ގޮތުގައި މައުމޫން ވަނީ ސިފަކުރައްވާފައެވެ.
ފޮރިން މިނިސްޓަރުގެ މަގާމުން މިއަދު ދުންޔާ އިސްތިއުފާ ދެއްވީ މަރުގެ އަދަބު ތަންފީޒުކުރަން ފެށުމާ މެދު ސަރުކާރާ ހިޔާލުތަފާތުވެގެން ކަމަށް ދުންޔާ ވަނީ ވިދާޅުވެފައެވެ.
ޗުއްޓީއެއް ނެންގެވުމަށް ފަހު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމަށް ދުންޔާ ނެރެއްވި ބަޔާނުގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގައި އަލުން މަރުގެ ހުކުމް ތަންފީޒް ކުރެއްވުމަށް ނިންމީ ރާއްޖޭގެ ޝަރުޢީދާއިރާއާމެދު އެތައްބައެއްގެ ކޮންބޮޑުވުން އުފެދި ޝަރުއީދާއިރާގެ ނިންމުންތަކާމެދު ވަރަށް ގިނަ ބަޔަކު ގިނަގުނަ ސުވާލުތަކެއް އުފައްދަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ.
ފޮރިން މިނިސްޓަރުކަމުން ދުންޔާ މައުމޫން އިސްތިއުފާ ދެއްވިއިރު، ރައީސް މައުމޫނުގެ ދަރިކަލުން އަދި ދުންޔާ މައުމޫންގެ ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން ވަނީ މިއަދު ޕީޕީއެމުން ވަކިކުރަން ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ