ވޯޓު ހޯދަން ދީން ބޭނުމެއް ނުކުރެވެނެ: އިންޑިއާ ސުޕްރީމް ކޯޓު

އިންތިޚާބުތަކުގައި ވޯޓު ހޯދުމަށް ދީނާއި އިޖްތިމާއީ ތަފާތުކުރުންތައް ބޭނުން ނުކުރެވޭނެ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެފި އެވެ. އިންޑިއާގެ ސުޕްރީމް ކޯޓުން މިފަދައިން ނިންމައި، ހުކުމް ކުރީ އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީސް އިންތިޚާބު ކުރުމަށް އިންތިޚާބު ބާއްވަން ގާތްވެފައި ވަނިކޮށެވެ. އިންޑިއާގައި ކާސްޓް ސިސްޓަމް ނުވަތަ އިޖްތިމާއީ ގޮތުން ރައްޔިތުން ދަރަޖަ ކޮށްފައިވާ ކުރުމާއި، ދީނީ ވާހަކަތަކުގެ ބޭނުންކޮށްގެން ވޯޓު ހޯދުމާއި ވޯޓަށް ނުފޫޒު ފޯރުވުމަކީ އާންމު ކަމެކެވެ. އެގޮތުން، ވަކި ދީނަކާއި ވަކި ކާސްޓަކަށް ނިސްބަތްވާ ކެންޑިޑޭޓަކަށް ވޯޓު ދިނުމުގެ އާދަ އެ ގައުމުގައި އިންތިޚާބުގެ ދުވަސްވަރު ވަރަށް ބޮޑެވެ. ކޯޓުން ބުނީ އިންތިޚާބީ ނިޒާމަކީ ދީނާއި އިޖްތިމާއީ ދަރަޖަތަކާ ބެހޭ ކަމެއް ނޫން ކަމަށާއި، އެހެންކަމުން ވޯޓު ހޯދުމަށްޓަކައި މިފަދަ ވާހަކަތައް ދައްކައި ހެދުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އިންޑިއާގެ ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު ތާއީދުކޮށް، ނެރުނު ހުކުމުގައި ބުނެފައި ވަނީ މީހަކާއި އޭނާގެ އަގީދާއަކީ އެމީހެއްގެ އަމިއްލަ ކަމެއް ކަމަށާއި، ދައުލަތަށް އެކަމަކާ ނުބެހެވޭނެ ކަމަށެވެ. އުއްތަރު ޕްރަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބާއްވަންޖެހޭ އިރު، ޕަންޖާބު، އުއްތަރަކާންދު ، މަނިޕޫރް އަދި ގޯއާ ސްޓޭޓްގެ އާންމު އިންތިޚާބުތައް ވެސް ދަނީ ކައިރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ