ޗައިނާގެ، ބޭންކް އޮފް ޗައިނާގެ ކުރީގެ ޗެއަރމަން ލިއު ލިއާންގެއަށް މަރުގެ ހުކުމް އިއްވައިފިއެވެ.
ޗައިނާގެ ޝަންޑޯންގ ޕްރޮވިންސްގެ ކޯޓަކުން އިއްވި މިހުކުމް ދެ އަހަރަށް ފަސްކޮށްފައިވާ ކަމަށް ސަރުކާރުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.
1961 ވަނަ އަހަރު އުފަން ލިއު ލިއާންގެ ވަނީ ޕީޕަލްސް ބޭންކް އޮފް ޗައިނާ އާއި އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް ޗައިނާ ފަދަ މާލީ އިދާރާތަކުގައި މަސައްކަތްކުރުމަށްފަހު 2019 ވަނަ އަހަރު ބޭންކް އޮފް ޗައިނާގެ ޗެއަރމަންކަމަށް އައްޔަން ކޮށްފައެވެ. ނަމަވެސް ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހު ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީން އޭނާ ވަކިކޮށް، ރިޝްވަތު ހިފުމާއި ޤާނޫނާ ޚިލާފު ޙަރަކާތްތަކުގައި ބައިވެރިވުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރިއެވެ.
ކޯޓުން ބުނެފައިވަނީ ލިއު ލިއާންގެ އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ގިނަ ބަޔަކަށް ކުރިއެރުން ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި، އޭނާ ބަލައިގަތް ރިޝްވަތުގެ އަދަދު 121 މިލިއަން ޔުއާން (17 މިލިއަން ޑޮލަރު) އަށްވުރެ މަތިވެފައިވާ ކަމަށެވެ.
މި ޙުކުމްގެ ދަށުން، ދެ އަހަރުގެ ތެރޭގައި އިތުރު ކުށެއް ނުކުރާނަމަ މަރުގެ އަދަބު ތަންފީޒު ނުކުރެވޭނެއެވެ. އަދި އެ ހާލަތުގައި އޭނާއަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އިއްވޭނެއެވެ.
ފާއިތުވި މަސްތަކުގައި ޗައިނާގެ ކޮރަޕްޝަން ހުއްޓުވުމުގެ އިދާރާއިން މާލީ ދާއިރާގައި ބޮޑު ސާފުކުރުމެއް ފަށައިފައިވެއެވެ. މި ސާފުކުރުމުގައި ލިއު ލިއާންގެގެ އިތުރުން ކުރީގެ ޑެޕިއުޓީ ސެންޓްރަލް ބޭންކް ގަވަރނަރ ފޭން ޔީފެއި ވެސް ހިމެނެއެވެ. ފޭން ޔީފެއިއަށް ވެސް ވަނީ ފާއިތުވި އޮކްޓޯބަރު މަހު ރިޝްވަތު ހިފުމުގެ ކުށުގައި ދެ އަހަރަށް ފަސްކޮށްފައިވާ މަރުގެ އަދަބެއް އިއްވާފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ރިޝްވަތުގެ ކުށް ސާބިތުވެ ބޭންކް އޮފް ޗައިނާގެ ކުރީގެ ޗެއާމަނަށް މަރުގެ ހުކުމް އިއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ