މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމާވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ވަނީ އޭނާގެ ކެމްޕެއިން ރަސްމީކޮަށް ފެށުމުގެ ތައްޔާރީތައް ފައްޓަވައިފަ އެވެ.
އުމަރު މިއަދު 'ދައުރު' އަށް ވިދާޅުވީ، އިންތިހާބުގައި ވާދަކުރައްވާނީ، ކުރިން ވެސް ނިންމާފައިވާ ގޮތަށް، އަމިއްލަ ގޮތުން ކަމަށާއި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނާރުއްވާނެ ކަމަށެވެ.
ވީ ކިހިނެއް؟ - އުމަރުގެ ކެމްޕެއިން ކޮމިޓީ އެކުލަވާލައި، އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ވަނީ ބާއްވާފަ އެވެ. އަދި ކެމްޕެއިން ރާވާނެ ގޮތުގެ މަޝްވަރާތައް ވެސް ވަނީ ކޮށްފަ އެވެ.
ތަފްސިލު - އުމަރު ވިދާޅުވީ، މި މަސް ތެރޭ އޭނާގެ ކެމްޕެއިން ރަސްމީކޮށް ފަށާނެ ކަމަށެވެ. އަދި އެއާއެކު ސިޔާސަތުތައް ހާމަކޮށް، ވޯޓު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކެމްޕެއިން ހިނގާތާ އެތައް ދުވަސްތަކެއް ވެއްޖެ. އެކަމަކު ސިޔާސަތުތައް އިއުލާން ކުރުމުގެ މަސައްކަތް މި މަހު ފެށޭނެ،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަމުގެ ތާރީހު ފަހުން އިއުލާންކުރައްވާނެ ކަމަށެވެ.
މިހާރުގެ ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި 2008 ވަނަ އަހަރު އޭރުގެ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ގެ ފަރާތުން ވާދަ ކުރެއްވި އުމަރު ވިދާޅުވީ، އޭނާ އަދިވެސް ހުންނެވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ގޮތަށް ކަމަށެވެ. އަދި ފުރަތަމަ އަމާޒަކީ އިންތިހާބުގެ ދެވަނަ ބުރަށް ދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދޭނަން އަޅުގަނޑުގެ ބެސްޓް ފައިޓް ދެވަނަ ބުރަށް ދާން. ދެން ދިވެހި ރައްޔިތުން ނިންމާނީ އެމީހުން ބޭނުންވަނީ ކުރީގެ އޯލްޑް ކޮރަޕްޓް ލީޑަރުންތޯ ނުވަތަ ޖެހިލުން ކުޑަ، ހިތްވަރުގަދަ ސަހުޝިއްޔަތެއްތޯ ބޭނުން ވަނީ،" އުމަރު ވިދާޅުވި އެވެ.
"އިންތިހާބުގެ އެއްވެސް ސްޓޭޖެއްގައި އެއްވެސް މީހެއްގެ ފަހަތަކަށް ނާރާނަން. އެއްވަނަ ބުރު، ދެވަނަ ބުރުގައި ވެސް ނާރާނަން. އެކަމަކު އަޅުގަނޑާ އެކު މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ."
އޭނާ ވިދާޅުވީ، ނުކުމެ ހުންނެވީ ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވެ ހުރި ކަންކަން ކުރުމަށް ކަމަށާއި އެ ކަންކަން ފުރިހަމަ ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
"އެއްވެސް ޕާޓީއަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލެއް ނުކުރެވުނު. އަޅުގަނޑު މި ވައުދު ވަނީ އެކަން ކުރާނެ ކަމަށް. އެއްވެސް ޕާޓީއަކަށް، އެއްވެސް ލީޑަރަަކަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވައެއްނުލެވުނު، އަޅުގަނޑު އެކަން ކުރާނަން،" އޭނާ ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ ދައުލަތް ހިންގުމަށް ހެޔޮ ބަދަލެއް ގެނެސް، "ހަރަދު ކުޑަކޮށް، މިހާރު ބޯމައްޗަށް ވެއްޓެމުން އަންނަ ދަރަނިން ސަލާމަތް ކޮށްދޭނަން" ކަމަށެވެ.
"މިއީ، ރާއްޖޭގެ ސިޔާސީ ލީޑަރުންނާ އަޅުގަނޑާ ހުރި ތަފާތަކީ. އެހެންވީމަ ރައްޔިތުން އެހެން ޕްރޮޑަކްޓެއް ޓެސްޓްކޮށްލަން ބޭނުމިއްޔާ އަޅުގަނޑު ޓެސްޓް ކޮށްލަންވީ."
އުމަރު ވިދާޅުވީ މަގާމުގެ ދަހިވެތިކަމެއް ނެތް ކަމަށާއި ބޭނުން ވަނީ ރާއްޖެއަށް ހެޔޮ ބަދަލެއް ގެނައުން ކަމަށެވެ.
ރިޔާސީ އިންތިހާބުގައި އެހެން މީހެއްގެ ފަހަތަކަށް ނާރާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ