ތާއީދު ހޯއްދެވުމަށް އުމަރު ނަސީރު ގާސިމާ ބައްދަލުކުރައްވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން އިއުލާނު ކުރައްވާފައިވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ގާސިމް އިބްރާހިމްގެ ތާއީދު ހޯދުމުގެ ގޮތުން އޭނާ ދިރިއުޅުއްވާ މ. މާފަންނު ވިލާއަށް ވަޑައިގެންފިއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމްއާ ބައްދަލުކުރެއްވުމަށްފަހު އުމަރު ވިދާޅުވީ ވިސްނާލައްވާނެ ކަމަށް ގާސިމް ވިދާޅުވި ކަމަށެވެ. އަދި ގާސިމް އޭނާ އަށް ތާއީދުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. "އެނގިވަޑައިގަންނަވާނެ ފަދައިން ގާސިމް އިބްރާހީމަކީ ކޮންމެ ވެރިކަމެއް ވެސް ވެރިކަމަށް ގެނައުމަށްޓަކައި މަސައްކަތް ކުރައްވާ ބޭފުޅެއް. 2008 ވަނަ އަހަރު 2013 ވަނަ އަހަރު. އެމަނިކުފާނާ ނުލާ އެއްވެސް ބަޔަކަށް ވެރިކަމަކަށްނާދެވޭ. ގާސިމް އިބްރާހީމަކީ ކިންގް މޭކާ. އަޅުގަނޑު އެހެންވެގެން ގާސިމް އަރިއަށް އައީ. ގާސިމް އަދި ވަކި ކޮމިޓްމެންޓެއް ނުދެއްވާ. ގާސިމް ވިދާޅުވީ އެކަމާ ތިމަންނަ ވިސްނަވާނެ ވާހަކަ،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ގާސިމް އޭނާ އަށް ތާއީދު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި އޭނާގެ ނަން އޮންނާނެ ކަމަށެވެ. "އަޅުގަނޑުގެ ނަން އިރާދަކުރެއްވިއްޔާ 2018 ގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ،" އުމަރު ވިދާޅުވި އެވެ. އުމަރު ކުރިން ވިދާޅުވީ ރާއްޖޭގައި ތިބި ސިޔާސީ އިސް ފަރާތްތަކެއް ތާއީދު އޭނާ ލިބޭނެ ކަމަށެވެ. ނަމަވެސް އެއީ ކޮންބައެއް ކަމެއް ވިދާޅެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ