ސްނޯގެ ތޫފާނަކާ އެކު ޔޫކްރެއިނުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ

ސްނޯގެ ތޫފާންތަކަކާއި ގަދަ ވަޔާ ގުޅިގެން ޔޫކްރެއިނުގެ 2،000 އަށް ވުރެ ގިނަ އަވަށްތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ސަރަހައްދީ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އޮޑެއްސާ ސަރަހައްދުގައި ސްނޯގައި ތާށިވި ވެހިކަލްތަކަކުން، ކުޑަކުދިން ހިމެނޭ ގޮތަށް، 48 މީހަކު ވަނީ ސަލާމަތް ކުރަން ޖެހިފަ އެވެ.
އަދި މަދުވެގެން ހަ މީހަކަށް ފިނިވެގެން ހައިޕަތާމިއާ ޖެހިފައިވާ ކަމަށާއި 14 މަގެއްގައި ޓްރެފިކް ބަންދުކޮށްފައިވާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.
މި ތޫފާނުގެ އަސަރު މޮލްޑޯވާ، ރަޝިޔާ، ޖޯޖިޔާ އަދި ބަލްގޭރިއާއަށް ވެސް ދަނީ ކުރަމުންނެވެ.
ޔޫކްރެއިނުގެ އިމަޖެންސީ ހިދުމަތުން މިއަދު ހެނދުނު ބުނި ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން 16 ސަރަހަައްދެއްގެ 2،019 އަވަށެއްގައި ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ.
އަދި ސްނޯ ވެހޭ މިންވަރު އިންތިހާއަށް އިތުރުވުމުން 840 ވެހިކަލެއް ތާށިވެ އެހީތެރިކަން ފޯރުކޮށްދޭން ޖެހެނު ކަމަށާއި 1،370 ކާގޯ ލޮރީއެއް ތާށިވެފައިވާ ކަމަށް ވެސް އެ ހިދުމަތުން ވަނީ ބުނެފަ އެވެ.
ޔޫކްރެއިނުގެ ދެކުނުގައިވާ މައިކޮލައިވް ސަރަހައްދަށް ވެސް މި ތޫފާނުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ. 
ޔޫކްރެއިނުގެ އިމަޖެންސީ ހިދުމަތުން ބުނި ގޮތުގައި، ތޫފާނުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ސާފުކުރުމަށް 1،500 ސަލާމަތީ އޮފިޝަލުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.
ޔޫކްރެއިނުގެ އިތުރުން، ރަޝިޔާގެ އަތްދަށުގައި އޮތް ކްރައިމިއާގެ އައްސޭރިފަށުގައިވާ ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ ކަމަށް، މޮސްކޯއިން ކަނޑައަޅާފައި ތިއްބެވި އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ގިނަ އަދަދަކަށް ސްނޯ ފޭބުމާ ގުޅިގެން މަގުތަައް ސާފުކުރުމަށް އިދާރާތަކުން ވަނީ މެޝިނަރީ ނެރެފަ އެވެ.
އިރުމަތީ ޔޫރަޕުގެ ސަރަހައްދުތަކަށް މޫސުން ގޯސްވެފައި މިވަނީ ޔޫކްރެއިނުގެ ކަރަންޓު ވިއުގަތަކަށް ރަޝިޔާއިން ވަރުގަދަ ޑްރޯން ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމުގެ ހަބަރުތައް އިވެމުންދާ ދަނޑިވަޅެއްގަ އެވެ.
މިދިޔަ އަހަރުގެ ފިނި މޫސުމާ ދިމާކޮށް ވެސް ރަޝިޔާއިން ވަނީ ޔޫކްރެއިނުގެ އުމްރާނީ ތަރައްގީގެ ތަންތަނަށް ހަމަލާތައް ދީ އެތައް މިލިއަން ބަޔަކު ކަރަންޓުން މަހްރޫމު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ