ރީކޯ މޫސަ މާވަށު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.
މޫސަ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލ. މާވަށު ދާއިރާގެ ރައްޔަތުންގެ މަޖިލިސް ގޮނޑިއަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމާފައިވާ ކަމަށެވެ. އަދި އުއްމީދަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރުން ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި މޫސަ އެންމެ ފުރަތަމަ މަޖިލީހަށް ހޮވިވަޑައިގެންފައި ވަނީ 2004 ވަނަ އަހަރު ލ. އަތޮޅުގެ މެމްބަރެއްގެ ގޮތުގަ އެވެ. މޫސައާ އެކު، އެފަހަރު ލ. އަތޮޅުގެ އަނެއް ގޮނޑި ފުރުއްވީ ރައީސް މައުމޫންގެ ސަރުކާރުގައި ބާރުގަދަ ވަޒީރު އިލްޔާސް އިބްރާހިމެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި މޫސަ، ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަން ކުރެއްވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެވެ. އެ ފަހުން މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ. ގަމު ދާއިރާއަށް ވާދަކުރައްވާނެ ކަމަށް އޭނާ އިއުލާން ކުރެއްވި ނަމަވެސް އެ ނިންމުން ފަހުން ބަދަލު ކުރެއްވި އެވެ.
ލ. ގަމު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައި އެ ދާއިރާ މިހާރު ތަމްސީލު ކުރައްވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވީ ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިސާމެވެ. އަދި ރީކޯ ވާދަކުރައްވަން ނިންމަވާފައިވާ މާވަށު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ މިހާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ