ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފޯމޭޝަން ބަދަލުކޮށް، ޝަރުއީ ދާއިރާ ހިންގުމުގެ ޒިންމާ ކުރިން އޮންނަ ގޮތަށް ޑިޕާޓްމެންޓް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ބަދަލުކުރާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ވަން މީޑިއާ" އަށް އިއްޔެ ދެއްވި އެކްސްކްލޫސިވް އިންޓަވިއެއްގައި މުއިއްޒު ވިދާޅުވީ ޝަރުއީ ދާއިރާ އަދި މިނިވަން މުއައްސަސާތައް، ހަގީގީ މާނައިގައި މިނިވަންކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށާއި ދައުރުގެ ފަހުކޮޅު އެކަން ކުރެއްވުމަށް މަޑު ނުކުރައްވާނެ ކަމަށެވެ. އެކަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިއަންނަ އަހަރުގެ ފުރަތަމަ ދުވަސްވަރު ސަރުކާރަށް ނޯންނާނެ ކަމަށާއި ނަމަވެސް މިހާރު މިއޮތް މަޖިލީހުން އެއްބާރުލުން ދީފިނަމަ، ޝަރުއީ ދާއިރާ ވަރަށް އަވަހަށް އިސްލާހުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖޭއެސްސީގެ މި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެވެން ޖެހޭ. ގެނެސްގެން މި ލެސް ޕޮލިޓިކަލް ތަނަކަށް އެތަން ވެގެން ރައްޔިތުން އިތުބާރުކުރާ ކަހަލަ ގޮތަކަށް ފޯމޭޝަން ބަދަލުވާން. ޕޮލިޓިކަލް މީހުން މާބޮޑަށް ސިޔާސީ ނުފޫޒު ފޯރުވޭ ލީޑާޝިޕެއް އޮންނަ ގޮތަކަށް ޖޭއެސްސީން އޮތުން ރަނގަޅެއް ނޫން. އަނބުރާ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް، އެޑްމިނިސްޓްރޭޝަން މަސައްކަތް ބަދަލުވާން ޖެހޭ. ބަދަލުވެގެން އެ ޗެކް އެންޑް ބެލެންސް އަންނާނީ" މުއިއްޒު ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ސަރުކާރުގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ވަކި އިންސައްތައެއް ކަނޑައަޅާނެކަން ހާމަކުރައްވާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއިރުން އެ މުވައްޒަފުންނަށް އެހެން ބަޔަކަށް ޑިޕެންޑުވެ، ބޮޑު ކުއްޔެއް ދެއްކުމުގެ ބަދަލުގައި އަމިއްލަ މިނިވަންކަން ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޝަރުއީ ދާއިރާގެ މިނިވަންކަން ޔަގީން ކުރުމަށް އެފަދަ ވަރަށް ގިނަ އިސްލާހީ ކަންކަން ކުރައްވަން ރާވާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ހުރިހާކަމެއް ފުރިހަމަވުމުން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ނުފޫޒު ފޯރުވުން ހުއްޓިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އޭނާގެ ސަރުކާރެއްގައި ރައީސް އޮފީހުން ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އެހެން މުވައްޒަފަކަށް ވެސް ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި އެގޮތަށް ފޯރުވާ ނުފޫޒު ހުއްޓުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވާނަމަ "ހަމަ ވަގުތުން އިމީޑިއެޓް ހައްލު ގެންނާނެ" ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ސަރުކާރަކީ ޖުޑިޝަރީ ނުފޫޒު ފޯރުވާ ސަރުކާރެއްގެ ގޮތުގައި ލޭބަލްވެގެން ދިޔުމަށް ބޭނުންނުވާ ކަމަށެވެ.
ޖޭއެސްސީ ފޯމޭޝަން ބަދަލުކޮށް، ޝަރުއީ ދާއިރާގެ ޒިންމާތައް އަލުން ޑީޖޭއޭއަށް ބަދަލުކުރާނަން: މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ