ޓެލެވިޒަން އެކްޓަރު ނަކުލް މެހެތާގެ އާއިލާއަށް މެމްބަރެއް އިތުރު ވަނީ
މަގުބޫލު ޓީވީ ސިލްސިލާ ޑްރާމާ "އިޝަގްބާޒް" އަދި "ބަޅޭ އައްޗޭ ލަގްތޭ ހޭ 2"ގެ އެކްޓަރު ނަކުލް މެހެތާއަށް އިތުރު ދަރިއެއް ލިބެން އުޅޭކަން އިއުލާނުކޮށްފިއެވެ. އަމިއްލަ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ނަކުލް ބުނެފައި ވަނީ އަންހެނުން އަދި ލަވަކިޔުންތެރިޔާ ޖަންކީ ޕަރޭކް އިނީ ދެވަނަ ކުއްޖާއަށް ބަލިވެ ކަމަށާއި އިތުރު ޒިންމާތަކެއް ނަގަން ދެމަފިރިންނާއި އަލަތު ދަރިފުޅު ވެސް ތައްޔާރަށް ތިބި ކަމަށެވެ. ނަކުލްގެ މި ޕޯސްޓާ އެކު ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ވަނީ ނަކުލްގެ ދެމަފިރިންނަށާއި ދަރިފުޅު ސޫފީއަށް މަރުހަބާގެ މެސެޖުތައް ފޮނުވާފައެވެ. އޭގެތެރޭގައި ބަތަލާ ދިއާ މިރުޒާ، އެކްޓަރު އަޔުޝްމާން ކުރާނާ، ބަތަލާ އަދިތީ ޝަރުމާ އަދި ދީޝާ ޕަރުމާރު ހިމެނެއެވެ. ނަކުލް މެހެތާ ޓީވީ ސިލްސިލާގެ "އިޝްޤްބާޒް"ގެ ބަތަލާ ސުރުބީއާ އެކު--ފޮޓޯ/ފޭސްބުކް ނަކުލް އާއި ޖާންކީ ކައިވެނިކޮށްފައި ވަނީ ނުވަ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހުގައެވެ. ދެ މީހުން ކައިވެނި ކުރީ 2012 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 28ގައެވެ. ނަކުލް އާއި ޖާންކީއަށް އަލަތު ދަރިފުޅު ސޫފީ ލިބުނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ސްޓާ ޕްލަސްއިން ގެނެސްދިން މަޝްހޫރު ޓީވީ ސިލްސިލާ "ޕިޔާރު ކާ ދަރްދު ހޭ މީޓާ މީޓާ ޕިޔާރާ ޕިޔާރާ"އިން ބެލުންތެރިންގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ލިބުނު އެކްޓަރު ނަކުލް މެހެތާ އަކީ ޓެލެވިޒަން އިންޑަސްޓްރީގެ އެންމެ ބޮޑު ޑިމާންޑެއް އޮންނަ އެކްޓަރުންގެތެރޭ ހިމެނޭ ފިލްމީ ތަރިއެކެވެ. ޓެލެވިޒަން ޑްރާމާތަކުގެ އިތުރުން ނަކުލް ވަނީ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ