މެޒޯ މުހައްމަދު މާޖިދު: އަބަދަށް ވަކިވުމުގެ 45 މިނިޓް ކުރި

"ހަޔާތަކީ ހާދަ ނާޒުކު އެއްޗެކެވެ." 
އިއްޔެ ވަކިވި ގާތް ރަހުމަތްތެރިޔާ އަދި މިއުޒިކީ ލެޖެންޑު، މުހައްމަދު މާޖިދު (މެޒޯ މޯޑު)ގެ ފޮޓޯއަކާ އެކު އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގް ފޭސްބުކްގައި ލިޔުއްވީ އެ ގޮތަށެވެ.
އެކަމަކު އޭނާ އެ ދޫކޮށްލެއްވީ އާދައިގެ ފޮޓޯއެއް ނޫނެވެ. އެއީ މަރްޒޫގަށް ވެސް އަދި އޭނާގެ އެންމެ ގާތް އެކުވެރިންނަށް ވެސް، ދިރިހުންނަވަނިކޮށް މުހައްމަދާ އެންމެ ފަހުން ބައްދަލުވި ވަގުތު ނެންގެވި ފޮޓޯއެކެވެ. އެންމެންނާ އަބަދަށް ވަކިވެވަޑައިގަތުމުގެ 45 މިނިޓް ކުރިން މަރްޒޫގް ނެންގެވި، އޭނާގެ ލޯބިވާ އެކުވެރިޔާގެ ފޮޓޯ އެކެވެ.
"މާތްﷲ އޭނާގެ ފުރާނަ ޖަންނަތުލްފިރްދައުސްގައި ލައްވާށި،" ވީހާ ވެސް ގިނަ ބަޔަކު ކަށުނަމާދަށް ދިއުމަށް އެދިވަޑައިގެން މަރުޒޫގް ލިޔުއްވާފައިވެ އެވެ.
އޭނާ އެ ފޮޓޯ ނެންގެވީ ކޮފީއެއްގައި ތިއްބަވާފަ އެވެ. މުހައްމަދު އިންނެވީ، އޭނާ އަބަދުވެސް ފެނިވަޑައިގަންނަވާ ގޮތަށް، އައިނެއް އަޅުއްވައި ވަރަށް ތާޒާ އަދި 'ސްޓައިލިޝް' ކޮށެވެ. އެކަމަކު އެއީ ބައްދަލުވާނެ އެންމެ ފަހު ވަގުތަށް ވާނެ ކަމެއް އެކެއްގެ ހިތަށް ވެސް ނާރާނެ އެވެ.
މުހައްމަދުގެ ރައްޓެހިން ބުނި ގޮތުގައި، އިއްޔެ މެންދުރު ފަހު 2 ހާއިރު، ސިންފަނީ ރެސްޓޯރަންޓުގައި ކޮފީ ބުއިމަށް އިންނެވުމަށް ފަހު އޭނާ ވަޑައިގެންނެވީ ގެއަށެވެ. އޭގެ ގާތްގަނޑަކަށް 10 މިނިޓުގެ ތެރޭގައި އޭނާ ބައެއް ރަށްޓެހިންނަށް ގުޅުއްވައި "ކަމެއް އެބަވެ"އޭ ވިދާޅުވި ކަމަށް ބައެއް ރައްޓެހިން ބުންޏެވެ.
މުހައްމަދަށް ޖެހިވަޑައިގެންނެވީ ހާޓްއެޓޭކެކެވެ. ގެއަށް ދިޔަ ރައްޓެހިން ސީޕީއާރު ދިން ނަމަވެސް ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވި އެވެ. އެނގިފައިވާ ގޮތުގައި، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާގެ ފުރާނައެއް ނެތެވެ.
މިއުޒިކީ ލެޖެންޑެއްގެ އިތުރުން، މުހައްމަދަކީ އޭނާގެ އެކުވެރިންނާ ވަރަށް ގާތް ގުޅުމެއް ބޭއްވި ހިތްހެޔޮ ރަހުމަތްތެރިއެކެވެ. މީހުން އެދޭ ކަންކަން ކޮށްދެއްވައި އެހީތެރިކަން ފޯރުކޮށްދެއްވި އެވެ. ގިނައިން ސަމާސާ ކުރެއްވި އެވެ.
މުހައްމަދަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު މިޔުޒިކް ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އޭނާގެ އަމިއްލަ ރާގުތަކުގެ ލަވަތައް 1990 އާއި 2000ގެ އަހަރުތަކުގައި ވަރަށް ބޮޑަށް މަޝްހޫރުވި އެވެ. އަދި އޭނާއަކީ މިޔުޒިކަށް ހާއްސަ ޗެނެލް، އެމްޓީވީގައި ލަވައެއް ދެއްކި ދިވެހި ފުރަތަމަ ފަންނާނު ވެސް މެ އެވެ.
މުހައްމަދުގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި 'އެޅިކަނޑުމަތި'، 'އުޑުންތަރިތައް'، 'މަސްތު'، 'ވިސްނާވިސްނާ' އަދި 'ރޯޅި' ފާހަގަކޮށްލެވެ އެވެ.
މީގެ 10 އަހަރު ކުރިން 'ހޮޓެލިއާ މޯލްޑިވްސް'އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އުމުރުން އެންމެ ނުވަ އަހަރުން ފެށިގެން މިއުޒިކްގެ ތެރެއަށް ވެންނެވިއްޖެ ކަމަށެވެ. 
މުހައްމަދަކީ މިޔުޒިކްގެ ގިނަ އެއްޗެހި ކުޅެން އެނގިވަޑައިގަންނަވާ ފަންނާނެކެވެ. އެގޮތުން ބެރު ޖެހުމާއި، ގިޓާ އާއި ކީބޯޑު ހިމެނެ އެވެ.
ލަވަކިޔުންތެރިޔާ މީރާ މުހައްމަދުގެ ބައްޕަގެ މި ކުއްލި ވަކިވުމުން، މުޅި މިއުޒިކް އިންޑަސްޓްރީ އާއި އޭނާ ދަންނަ ގިނަ ބަޔަކަށް ލިބިފައިވަނީ ޝޮކެކެވެ. އަދި އެއީ ރާއްޖޭގެ މިއުޒިކީ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެވަރުގެ ގެއްލުމެއް ގޮތުގައި އެ މީހުން ސިފަ ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ