ހުދުމުހުތާރު ވެރިކަމެއް ކުރަން ބޭނުންވާ މީހުން ރައްޔިތުންގެ ވޯޓުން ހޮވާ މީހުން ބައިތިއްބަން ބޭނުމެއް ނުވާނެ: ޣަފޫރު ހުދުމުހުތާރު ވެރިކަމެއް ކުރަން ބޭނުންވާ މީހުން ރައްޔިތުންގެ ވޯޓުން ހޮވާ މީހުން ބައިތިއްބަން ބޭނުމެއް ނުވާނެ: ޣަފޫރު

ކައުންސިލަރުންގެ އަދަދު މަދުކުރަން މި ސަރުކާރުން މަސައްކަތް ފެށުމަކީ ވޯޓުން ހޮވާ ބަޔަކު ބައިތިއްބަން ބޭނުން ނުވުމުގެ ސިލްސިލާއެއްގެ ފެށުން ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.
ރަށްރަށުގެ ކައުންސިލަރުން މަދުކޮށް، ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރުމާ ގުޅޭ ގަރާރަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ ހުދުމުހުތާރު ވެރިކަމެއް ކުރަން ބޭނުންވާ ސަރުކާރަކުން ވޯޓުން ހޮވާ ބަޔަކު ބައިތިއްބަން ބޭނުން ނުވާނެ ކަމަށެވެ.
"ހުދުމުހުތާރު ވެރިކަމެއް ކުރަން ބޭނުންވާ މީހުން ރައްޔިތުންގެ ވޯޓުން ހޮވާ މީހަކު ބައިތިއްބާކަށް ބޭނުމެއް ނުވާނެ އިއްޒަތްތެރި ރައީސް. މިއީ ސިލްސިލާއެއްގެ ފެށުން އިއްޒަތްތެރި ރައީސް. އެކަން ކުރަމުން މިދަނީ. ސުޕްރީމް ކޯޓު އެއޮތީ ފުނޑާލާފައި. މާދަމާ އޮޑިޓް އޮފީސް ފުނޑާލާނެ އިއްޒަތްތެރި ރައީސް،" އޭނާ ވިދާޅުވި އެވެ.
ޣަފޫރު ވިދާޅުވީ ނިޒާމުތައް ފުނޑާލައި ބާރުތައް އަތަށް ނެގުމަށް ކުރީގެ ސަރުކާރުތަކުން ވެސް މަސައްކަތް ކުރުމުގެ ނަތީޖާ ފެނިފައިވާ ކަމަށާއި އެގޮތަށް އަމަލުކުރި ހުރިހާ ސަރުކާރެއް ވެސް ބަދަލުވި ކަމަށެވެ.
"މިއީ ނިޒާމުތައް ފުނޑާލައި ބާރުތައް އަތަށް ނެގުމަށްޓަކައި ހިންގަމުންދާ ސިލްސިލާ ޕްރޮގްރާމެއް އިއްޒަތްތެރި ރައީސް. މިކަން ކުރަމުން އައި ސަރުކާރުތައް އަޅުގަނޑުމެންނަށް ފެނިއްޖެ. ކޮން ކަމެއްތޯ ކުރެވުނީ އިއްޒަތްތެރި ރައީސް. ބަދަލުކޮށް ކަންކަން. ތަންތަނަށް ބޭނުންވާ ފަނޑިޔާރުން ލައި ހުރިހާ ކަމެއް ހެދީމަ އާހިރުގައި ވެރިކަން ދަނީ ގެއްލިގެން އިއްޒަތްތެރި ރައީސް،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންނަށްޓަކައި މިދިޔަ 15 އަހަރު ކައުންސިލްތަކުން ކޮށްދިން މަސައްކަތުގެ ރަނގަޅު ނަތީޖާ ފެންނަ އޮތް ކަމަށް ޣަފޫރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މައްސަލައަކީ ރަށެއްގައި ކަމެއް ނިންމަން ފަސް ކައުންސިލަރުން ތިބުމަކީ އަޖައިބުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.
ޣަފޫރު އިތުރަށް ވިދާޅުވީ ކައުންސިލަރުންނަށް މިދިޔަ އަހަރާ ހިސާބަށް ދެމުން އައީ 12،000ރ. ކަމަށްވާއިރު، އާދައިގެ އޮފީހެއްގައި އުޅޭ މުވައްޒަފަކަށް ވެސް އެ އަދަދަށް މުސާރަ ލިބޭ ކަމަށެވެ.
މިގޮތުން ކައުންސިލަރުންނަށް ކުރާ ހަރަދު ބޮޑުވެގެން އުޅޭ އުޅުމަކީ ގަބޫލުކުރައްވާ ކަމެއް ނޫންކަން ފާހަގަކުރައްވާ ޣަފޫރު ވަނީ ސަރުކާރުން ކުރާ އެހެން ހަރަދުތައް ބޮޑު ކަމަށް ވެސް ވިދާޅުވެފަ އެވެ.
މީގެއިތުރުން ޣަފޫރު ވިދާޅުވީ ދެވަނަ ދައުރެއް ރައީސުލްޖުމްހޫރިއްޔާ ހޯދުމަށް ނުވަތަ ތާއަބަދު ވެރިކަމުގައި ތިބުމަށް ގައުމުގައި ހުރި ނިޒާމުތައް ފުނޑާލައި ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް، އެ ވެރިކަމެއް ދެމި ނޯންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ