ފެންބޮޑުވުމުން މިއަދަކީ ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި ފެންބޮޑުވުމުން މިއަދަކީ ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި

މާލެ އާއި ބައެއް ރަށްރަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެފައި ވާތީ އާދީއްތަ ދުވަހަކީ (މިއަދު) ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
މެދުކެނޑުމެއް ނެތި ބޯކޮށް ވާރެ ވެހުމުގެ ސަބަބުން މާލެ ފެނުއަޑީގައި އޮތްއިރު، ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެ ކަަމަށް ލަފާކޮށް ހެނދުނު 7:00 އަށް ހަމައަށް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ އޮރެންޖު އެލާޓު ނެރެފަ އެވެ.
"މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ 2 މާރިޗް 2025 ވަނަ ދުވަހަކީ (މިއަދު) ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި،" ސަރުކާރުގެ ތަޖުރަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވުމުން ސަރުކާރުގެ އޮފީސްތައް މިއަދު ބަންދުވާނެ އެވެ.
ރޯދަ މަހު ސަރުކާރުގެ އޮފީސްތަކުގެ ހިދުމަތް ދޭން ކަނޑައަޅާފައި އޮތީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.
މާލޭ ސަރަހައްދު ހިމެނޭހެން ބައެއް އަތޮޅުތަކަށް ހުއްޓުމެއް ނެތި ވާރޭ ވެހެމުންދާއިރު، ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް އޮރެންޖު އެލާޓު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ ނެރެފަ އެވެ.
މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ފުރަތަމަ އޮރެންޖު އެލާޓު ނެރުނީ މިރޭ 9:45 ގަ އެވެ. އެއަށް ފަހު އެލާޓުގެ ވަގުތު ދެ ވަނަ ފަހަރަށް އިތުރުކޮށް، ހެނދުނު 7:00 އަށް ވަނީ އިތުރުކޮށްފަ އެވެ.
މެދު ކެނޑުމެއް ނެތި ވެހެމުންދާ ވާރޭގައި މާލެ އާއި ހުޅުމާލެ އަދި ބައެއް ރަށްރަށް ވަނީ ފެންބޮޑުވެފަ އެވެ. މާލޭގެ ބައެއް ގެތަކާއި ފިހާރަތަކަށް ފެން ވަދެ މުދަލަށް ވަނީ ގެއްލުން ވެފަ އެވެ.
ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓު ސެންޓަރުން ބުނީ ކ. ހިންމަފުށި، ހުރާ، އަދި ގުރައިދޫ އަށް ބޯކޮށް ވާރޭ ވެހެމުންދާ ކަމަށެވެ.
ތުލުސްދޫއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގެތަނުން ނަޖިސް ބޭރުވެފައިވާ ކަމަށް ވެސް ޑިޒާސްޓަ މެނޭޖްމެންޓު ސެންޓަރުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ