އެމެރިކާއަށް އިމްޕޯޓު ކުރާ ރާއްޖޭގެ މުދަލުން 10 ޕަސެންޓުގެ ޓެރިފެއް ނަގާނެކަން ޓްރަމްޕް އިއުލާންކޮށްފި އެމެރިކާއަށް އިމްޕޯޓު ކުރާ ރާއްޖޭގެ މުދަލުން 10 ޕަސެންޓުގެ ޓެރިފެއް ނަގާނެކަން ޓްރަމްޕް އިއުލާންކޮށްފި

އެމެރިކާއަށް އިމްޕޯޓު ކުރާ ރާއްޖޭގައި އުފައްދަ މުދަލުން 10 ޕަސެންޓުގެ ޓެރިފެއް ނަގަން ހަމަޖެހިފައިވާކަން އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފި އެވެ.
އާ ޓެރިފް ރޭޓުތައް އިއްޔެ އެމެރިކާގެ ސަރުކާރުން އާންމުކޮށްފައިވާއިރު އެޕްރީލް 5، އިން ފެށިގެން ބޭސް ރޭޓުގައި ނަގާ ޓެރިފް ރާއްޖޭން އިމްޕޯޓުކުރާ މުދަލަށް ވެސް ދައްކަން ޖެހޭނެ އެވެ. މިހާތަނަށް ދިވެހި ސަރުކާރުން މިކަމުގައި ބަހެއް ބުނެފައި ނުވެ އެވެ.
ރާއްޖެއިން މައިގަނޑު ގޮތެއްގައި އެމެރިކާއަށް އެކްސްޕޯޓު ކުރަނީ މަހުގެ ބާވަތްތަކެވެ. އެމެރިކާގެ ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެ ގައުމަށް ރާއްޖެއިން 17 މިލިއަން ޑޮލަރުގެ މުދާ 2022 ގައި އިމްޕޯޓުކުރި އެވެ.
މިއީ އެމެރިކާއިން ގައުމުތަކަށް އެތެރެ ކުރާ މުދަލުން ނަގާ ޓެރިފާއި ޑިއުޓީ ފަދަ ޓެކްސްތަކަށް ރައްދު ދިނުމުގެ ގޮތުން ނިންމެވު ނިންމެވުމެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މީގެ ސަބަބުން އަމިއްލަ ގައުމުގައި އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވަ އެވެ.
މި ޓެރިފްތަކާއެކު ދުނިޔޭގެ އިގުތިސޯދަށް ލޮޅުން އަރައި މަޑުޖެހޭނެ ކަމަށް އިކޮނޮމިސްޓުން ވަނީ ވިދާޅުވެފަ އެވެ. މީގެ ސަބަބުން ރިސެޝަނެއްގެ ބިރު އޮތްކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ. އަދި، ފާއިތުވި ގަރުނުގެ މެދުތެރެއިން ފެށިގެން އަމަލުކުރަމުން އަންނަ ދުނިޔޭގެ ވިޔަފާރީގެ އިންތިޒާމުތަކަށް ބަރޯސާވެފައިވާ މާލީ ބާޒާރުތަކާއި ވިޔަފާރިތައް ހާސްކަމަކަށް ވަނީ ވެއްޓިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ