މޯލްޑިވްސް މާކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް، އެމްއެމްޕީއާރުސީއިން މި އަހަރު ބާއްވާ "ވިޒިޓް މޯލްޑިވްސް ވީކް" ގްލޯބަލް ރޯޑްޝޯ ސީރީޒްގެ ފުރަތަމަ ޝޯތައް ރަޝިއާގައި ފަށައިފިއެވެ. މި ރޯޑްޝޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ތަފާތު 21 ކުންފުންޏެއްގެ 15 މަންދޫބުން ބައިވެރިވެއެވެ. ހަފުތާއެއްގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތުގެ މަޤްސަދަކީ ރަޝިއާގެ ބޮޑު 3 ސިޓީއެއްގައި އެންމެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލުގެގޮތުގައި ރާއްޖޭގެ ތަފާތު ހުށަހެޅުންތައް ދައްކާލުމެވެ.
“ވިޒިޓް މޯލްޑިވްސް ވީކް” ރޯޑްޝޯއަކީ އެމްއެމްޕީއާރުސީން މުޅި އަހަރަށް ބަހާލައިގެން ދުނިޔޭގެ ބޮޑެތި އަދި ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ މާކެޓްތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގްލޯބަލް ރޯޑްޝޯއެކެވެ. މިއީ ރަޝިއާއަށް ހާއްސަކޮށްގެން ބާއްވާ މި އަހަރުގެ ފުރަތަމަ ހަރަކާތެވެ.
މި ރޯޑްޝޯ މިމަހުގެ 3 ވަނަ ދުވަހު ބާއްވާފައިވަނީ ރަޝިއާގެ ސެއިންޓް ޕީޓާސްބާގްގައެވެ. ފެބްރުއަރީ 5 ވަނަ ދުވަހު މޮސްކޯގައި އަދި ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ޓިއުމިންގައި ރޯޑްޝޯ ކުރިއަށްދާނެކަމަށް އެމްއެމްޕީއާރުސީން ވަނީ ވިދާޅުވެފައެވެ.
މި ހަރަކާތުގެ މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ޕާޓްނާޝިޕްތައް އުފައްދައި، ގުޅުންތައް ބަދަހިކޮށް، ހަރުދަނާކޮށް، ރާއްޖޭގެ އެންމެ ފަހުގެ ޑެސްޓިނޭޝަން މައުލޫމާތު ފޯރުކޮށްދިނުމަށް ޕްލެޓްފޯމެއް ފަހިކޮށްދިނުންކަމަށް އެމްއެމްޕީއާރުސީން ވަނީ ވިދާޅުވެފައެވެ.
މި ހަރަކާތުގައި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ އިންޓަރެކްޓިވް ފޮޓޯ ޒޯނެއްގެ އިތުރަށް ހިތްގައިމު ސަގާފީ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށްދާނެކަމަށް އެމްއެމްޕީއާރުސީން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ޓްރެވަލް ޓްރޭޑް މީޑިއާއާއި ނޫސްވެރިންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް މޮސްކޯގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު އިންޓަރެކްޓިވް ސުވާލުތަކާއެކު "މޯލްޑިވްސް ޕާސްޕޯޓް" މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
ރަޝިއާއަކީ އަހަރުގެ މިހާތަނަށް ރާއްޖެއަށް 2 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. އެގައުމުން މިހާތަނަށް 24،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
"ވިޒިޓް މޯލްޑިވްސް ވީކް" ގެ ފުރަތަމަ ރޯޑްޝޯ ރަޝިއާގެ ބޮޑު 3 ސިޓީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ