ދެ ދިވެއްސެއްގެ އުދާސްތައް: އެކަކު ގައުމީ މައްސަލަތަކާ ދުރަށް، އަނެކަކު ބަލަން ހުރީ މާލޭގެ ތޮއްޖެހުމަށް

ގައުމީ ބޮޑު މައްސަލައެއް ދިމާވެއްޖެ ނަމަ އެކަމާ ވާހަކަ ދައްކާލަން އަޅުގަނޑު މިސްރާބު ޖަހަނީ، ރާއްޖޭގައި މި ވަގުތު ތިއްބެވި އިލްމީ އެންމެ ގާބިލް ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނާ ދިމާލަށެވެ. މީގެ ކުރިން އެފަދަ ބޮޑެތި މައްސަލަތަކުގައި، އެ ބޭފުޅުން، ވަރަށް ފުޅާކޮށް އަޅުގަނޑާ ވާހަކަ ދެއްކެވި އެވެ. ނަމަވެސް މިހާރު ދިމާވެގެން މި އުޅޭ ސުޕްރީމް ކޯޓު ކުޑަކުރުމުގެ މައްސަލާގައި އޭގެ ތެރެއިން އެއް ބޭފުޅެއްގެ ފަރާތުން އިވުނީ، ހީކުރި ކަހަލަ ބަސްތަކެއް ނޫނެވެ.
"އަޅުގަނޑު މިހާރު ނޫޅެން ތިކަހަލަ ކަންކަމާ. އަޅުގަނޑު މިހާރު މި އުޅެނީ އަޅުގަނޑުގެ މަސައްކަތައިގެން،" އޭނާ ވިދާޅުވި އެވެ.
އޭނާގެ އެ ވިސްނުމަށް އިހުތިރާމްކުރަމެވެ. ރާއްޖޭގައި ކަންކަން ވަމުން މިދާ ގޮތުން މުޅި އުމުރު، ގައުމު ރަނގަޅުކުރާށޭ ކިޔައިގެން، އެކަމުގެ ތެރޭގައި އުޅުމުގެ ބޭނުން މިހާރު މިދަނީ ނެތެމުންނެވެ. ޔަގީންކަމާ އެކު އަޅުގަނޑު ދަންނަވަމެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އާ ޑިމޮކްރަސީގެ ދަތުރު ފެށި ފަހުން، އެ ބޭފުޅާގެ ހިދުމަތް، އެ ބޭފުޅާ ކުރެއްވި މަސައްކަތް، ވަރަށް ގާތުން ދުށީމެވެ. އެހެންކަމުން އެއީ، އަޅުގަނޑަށް، ވަރަށް މުހިންމު، އެހާމެ ކެރޭ، އަދި އެހާމެ ގޮތުގައި ވެސް ހުންނެވި ހިދުމަތްތެރިއެކެވެ.
ނަމަވެސް މިއަދު އޭނާ އެ ވިދާޅުވީ 'މިހާރު ތިކަހަލަ ކަންކަމާ' ނޫޅޭ ވާހަކަ އެވެ. މި ދައްކަނީ އާދައިގެ ކަމެއްގެ ވާހަކައެއް ވެސް ނޫނެވެ. މި ދައްކަނީ ރައްޔިތުންގެ މަޖިލިހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ، ގާނޫނުއަސާސީގެ ބިންގަލާ މުޅިން ހިލާފު އިސްލާހެއްތޯ ބަލަން ސުޕްރީމް ކޯޓުގެ ބަސް ހޯދަން އުޅުމުން، އެ ސުޕްރީމް ކޯޓު 'ކޮށާލަން'، މިހާރުގެ ސަރުކާރާއި ސަރުކާރުގެ 'އަޅުންގެ ގޮތުގައި ތިބި' ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އަމަލްކުރަމުން ދާ ގޮތުގެ ވާހަކަ އެވެ.
އެއް ނަޒަރަކުން ބަލާ ނަމަ، ރާއްޖޭގެ ސިޔާސީ ކަންކަން މިހާ ދަށު ދަރަޖައަކަށް ނުވެއްޓޭ ނަމަ އެ ބޭފުޅާ ހުންނެވީހީ ގައުމީ ހިދުމަތުގަ އެވެ. އޭނާގެ އިލްމާއި ތަޖުރިބާ އާއި ދުރު ވިސްނެވުމުގެ އެހީ ސަރުކާރަށް ވެސް، އަދި ސިޔާސީ އެހެން ފަރާތްތަކަށް ވެސް ލިބުނީހެވެ. ނަމަވެސް އެއްބަސްވަމާ ހިނގާށެވެ. ހިދުމަތްތެރި ނުވަތަ ގާބިލް އެތައް ބަޔަކު ގައުމީ މައްސަލަތަކުން ދުރަށް އެ ދަނީ ދާންވެގެންނެވެ. ގައުމީ ކަންކަމަށް ވުރެ ސިޔާސީ ވެރިންގެ އަމިއްލަ އެދުމާއި ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ބާރު ކުޑަވިޔަނުދިނުމުގެ ގޯސް ވިސްނުން އިސްކުރުމުގެ ނަތީޖާއަކީ، އަނެއް ބައެއްގެ މެދުގައި މާޔޫސްކަން އުފެއްދުމެވެ.
މިއީ ރަނގަޅަށް ހިނގާ ގައުމުތަކުން ފެންނާނެ މަންޒަރެއް ނޫނެވެ. އެހެންކަމުން ގޯހުން ގޯހަށް ކަންކަން އެނބުރޭ ވަގުތު އެކަން ގޯހޭ ބުނަން ވެސް، ދިވެހި ބައެއް ދަރިން މިހާރު އެތިބީ ބޭނުންނުވެފަ އެވެ. އުއްމީދު ގެއްލުނީ އެވެ. ރަނގަޅު ނުވާނެކަން ވެސް އެނގެނީ އެވެ.
މަޖީދީމަގުގައި ސައިކަލް މަޑުކޮށްލައިގެން އިންދާ ސަލާން ގޮވާލައި އަތް ދިއްކޮށްލުމުން ބަލައިލި އިރު، އަސްތާ އެއީ، ވަރަށް ގާތް ބޭފުޅެކެވެ. ނަމަވެސް މިހާރު ދިރިއުޅުއްވަނީ ވެސް، މަސައްކަތްކުރައްވަނީ ވެސް، ރާއްޖެއިން ބޭރުގަ އެވެ. 
ބައްދަލުނުވާތާ އެތައް އަހަރެއް ވެއްޖެ އެވެ. އެހެންކަމުން ލިބުނު އުފަލުގައި ބައެއް ވާހަކަ ދައްކަން އޭނާ ވެސް ފެއްޓެވި އެވެ. އެއް ވާހަކަ އެނބުރުނީ މަޖީދީ މަގުގެ ޓްރެފިކް ތޮއްޖެހުމަށެވެ. 
"އަހަރެން ހިތަށްއަރާ، އޯކޭއޭ އަހަރެން މި އުނދަގުލުގެ ތެރޭގައި ނޫޅޭނެތާއޭ، އެކަމަކު މާލޭގައި އުޅޭ މީހުން ހަމަ ކޮންމެ ދުވަހަކު މި އުދާސްތަކުގައި ދޯއޭ އުޅޭނީ،" އޭނާ ވިދާޅުވި އެވެ.
އާއެނކެވެ. އަޅުގަނޑުމެން މި އުޅެނީ، އަދި މުޅި އުމުރަށް އުޅެން ޖެހޭނީ ވެސް މި ތޮއްޖެހުމުގެ ތެރޭގަ އެވެ. އެކަމަކު އޭގެ ސަބަބު އެނގޭ ހެއްޔެވެ؟ އަޅުގަނޑު އޭނާއާ އެ ސުވާލުކޮށްފައި ޖަވާބު ވެސް ދިނީމެވެ.
"ވެރިކަން ކުރަން ވިޝަނަރީން، ދުރުވިސްނޭ މީހުން ނާންނަނީ. ދުރު މުސްތަގުބަލް  ނުފެންނަނީ. މިއަދު މި މައްސަލަ މީގެ ފަސް އަހަރު ފަހުން އޮންނާނީ މިހެންނޭ، ދިހަ އަހަރު ފަހުން އޮންނާނީ މިހެންނޭ، މިވަގުތު ފިޔަވަޅު ނާޅަންޏާ އެއަކުން ސަލާމަތެއް ނުވާނޭ. އެ ވިސްނުމުގައި ކޮން ސަރުކާރަކުން މަސައްކަތްކުރީ؟" އަޅުގަނޑު ބުނީމެވެ.
މާލެއަށް އޮބިނޯންނަ ވަރަށް ގިނަވާން ފެށީ، އެންމެ ފުރަތަމަ، ސައިކަލްތަކެވެ. އޭގެ ފަހުން، ބޭރު ގައުމުތަކުގެ މީހުން 'އުކާލާ' ކާރުތަކެވެ. ސައިކަލްގެ ވިޔަފާރި ކުރާ ކުންފުނިތަކުން އިންސްޓޯލްމަންޓަށް ސައިކަލް ދޫކުރަން ފެށީ އެވެ. އެންމެ ރުފިޔާއެއް ދީފައި ވެސް ސައިކަލް ގެންދަންވީ އެވެ. ކޮންމެ މަހަކު ދައްކަން ޖެހޭ މިންވަރު ނުދެއްކިގެން އެ ސައިކަލް އަނބުރާ ނެގުމަކީ އަދި އެހެން މައްސަލައެއްތާ އެވެ! އެ ސައިކަލް އެހުރީ މާލޭގަ އެވެ. އެހެން ކޮންމެވެސް މީހަކު އެ ގެންދާނެ އެވެ.
މާލޭގެ މަގުތައް ދަގަނޑު ސަވާރީތަކުގެ 'ގޮނޑަކަށް' ބަދަލުވަމުން ދިޔަ އިރު ސިޔާސަތު ކަނޑައަޅަން ޖެހޭ ސަރުކާރަށް ދުރު މުސްތަގުބަލަށް ބަލައިގެން، އެއްވެސް ފިޔަވަޅެއް ނޭޅުނެވެ. އެހެންކަމުން ގަނެވޭ ނަމަ ކޮންމެ މީހަކު އެތައް ސައިކަލެއް ގަންނަންވީ އެވެ. އޭގެ އިތުރުން އާއިލާގެ ކޮންމެ މީހަކަށް ވެސް ސައިކަލެކެވެ. ކޮންމެ އާއިލާއެއްގައި ދެތިން ކާރެވެ.
މާލޭގެ މަގުތައް ބޮޑުނުކުރެވޭނެ ކަމާއި ޕާކުކުރާނެ ތަންތަން ވެސް، އުޅަނދުތައް ގިނަވާ މިންވަރާ އެއްވަރަށް، ނުހެދޭނެކަން ވެސް، ކޮންމެ ސަރުކާރަކަށް އެނގޭނެ އެވެ. ހައްލުކުރަން ފިޔަވަޅެއް އެޅި ހެއްޔެވެ؟ އެކަކަށް ރަޖިސްޓްރީކުރެވޭނީ އެންމެ އުޅަނދެއް ކަމާއި އާއިލާއެއްގައި ގިނަވެގެން ގެންގުޅެވޭނީ މިވެނި އަދަދެއްގެ ވެހިކަލް ކަމަށް، ހެދި ހެއްޔެވެ؟
ރަނގަޅު ފެންވަރެއްގެ ބަހުގެ ހިދުމަތް ފެށިއިރު މާލޭގެ މަގުތައް، ބައެއް ވަގުތުތަކުގައި، ކޮޅަކަށް ގުނޑާނުލެވޭ ވަރަށް، ފުރިއްޖެ އެވެ.
އޭގެ އަނެއް ދުވަހު އޭނާ ފުރާވަޑައިގެންފި އެވެ. ތޮއްޖެހުމުގެ މި އުދާސްތައް އަޅުގަނޑުމެންގެ ދިރިއުޅުމަށް ދޫކޮށްލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ