ކުޅުދުއްފުއްޓަށް ކަރަންޓްދޭން ފެނަކައިން އެއްބަސްވުން ނުހެދުމުން ކައުންސިލުން ކޯޓަށް

ކުޅުދުއްފުށީގައި ކަރަންޓް ދޭން ލާމަރުކަޒީ ގާނޫނާ އެއްގޮތަށް އެއްބަސްވުމެއް ހެދުމަށް އައުމަށް ފެނަކައިން އިންކާރުކުރުމުން ފެނަކައިގެ މައްޗަށް ދައުވާކުރުމަށް ކައުންސިލުން މިއަދު ނިންމައިފި އެވެ. 
ވީ ކިހިނެއް؟ - އެ ގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 206 ވަނަ އާންމު ބައްދަލުވުމުގަ އެވެ. ކުޅުދުއްފުށީ ކައުންސިލުން ބުނި ގޮތުގައި އެ ނިންމުން އެގޮތަށް ނިންމި ސަބަބުތަކަކީ:
ލާމަރުކަޒީ ގާނޫނުގައި ރަށެއްގެ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ކައުންސިލުން ފޯރުކޮށްދޭންވާނެ ކަމަށް ބަޔާންކޮށްފައިވާތީ
އެ ހިދުމަތް ތިންވަނަ ފަރާތަކުން ފޯރުކޮށްދޭނަމަ، އެ ފަރާތާއި ކައުންސިލާ ދެމެދު އެއްބަސްވުމެއް އޮންނަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވާތީ 
ކުޅުދުއްފުށީ ކައުންސިލުން ބުނީ ފެނަކައާ އެކު އެއްބަސްވުމެއް ހަދަން އެކި ފަހަރުމަތިން މަތިން ލިޔުމުން އެދުުނު ނަމަވެސް، ފެނަކައިން އެކަމަށް އިންކާރުކޮށްފައިވާ ކަމަށް
ތަފްސީލް - ކައުންސިލުން ބުނީ އެ އެއްބަސްވުން ހަދަން ފެނަކައިން އިންކާރު ކުރަނީ އެ ކުންފުންޏަކީ ރައީސްގެ ގަރާރަކުން އުފައްދާފައިވާ ކުންފުންޏަކަށް ވާތީ، ގާނޫނުގައި ބަޔާން ކުރާ ތިންވަނަ ފަރާތެއްގެ ގޮތުގައި އެ ކުންފުނި ނުބެލެވޭނެ ކަމަށް ބުނެ ކަމަށެވެ.
"ނަމަވެސް ކައުންސިލުން ވަނީ ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ ތިންވަނަ ފަރާތެއްގެ ގޮތުގައި ފެނަކަ ވެސް ހިމެނޭނެ ކަމަށާއި އެހެން ކައުންސިލަކާއެކު އެއްބަސްވުން ހެދިފައިނުވުމަކީ މި ކައުންސިލާއެކު އެއްބަސްވުން ނުހެދޭނެ ސަބަބެއް ނޫން ކަމަށް ފެނަކައަށް އަންގާފައި،" ކައުންސިލްގެ ބަޔާނުގައިވެ އެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނީ މިއަދާ ހަމައަށް ވެސް ފެނަކައިން އެ ސިޓީއަށް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ. 
"އެ މައްސަލައިގައި ކައުންސިލުން ކޯޓަށް ދައުވާ ހުށަހެޅުމަށް ނިންމާފައިވަނީ ފެނަކައިން ގާނޫނީ ޒިންމާ އަދާކުރުމަށް އިންކާރުކޮށް، ކައުންސިލާއެކު އެއްބަސްވުމަކަށް އައުމަށް އިޖާބަ ނުދިނުމުންނެވެ،" ކައުންސިލްގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ