ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ލިވަޕޫލުން ކުޅޭނީ ޕީއެސްޖީއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ލިވަޕޫލުން ކުޅޭނީ ޕީއެސްޖީއާ ދެކޮޅަށް

ޒިއުރިކް (ފެބްރުއަރީ 21) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި، ލީގު ބުރުގެ އެއް ވަނަ ހޯދި ލިވަޕޫލުން ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީއާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
ޗެމްޕިއަންސް ލީގުގެ އާ ފޯމެޓުގައިވާ ގޮތުން، ލީގު ބުރުުގެ ގަދަ އަށް ޓީމަށް ސީދާ ގަދަ 16 އިން ޖާގަ ލިބޭއިރު، ލީގުގެ 9-24 ގައި ހިމެނޭ ޓީމުތައް ކުޅޭނީ ޕްލޭއޮފުގަ އެވެ. އެ ޕްލޭއޮފުން މޮޅުވާ އަށް ޓީމަކަށް ގަދަ 16 ބާކީ އަށް ޖާގަ ލިބިގެންދާނެ އެވެ. ލިވަޕޫލުން ގަދަ 16 ގެ ޖާގަ ހޯދީ، ލީގު ބުރުގެ އެއް ވަަނަ ހޯދައިގެންނެވެ. ޕީއެސްޖީން ގަދަ 16 ގެ ތެރެއަށް ވަނީ، ޕްލޭއޮފުން ފްރާންސްގެ ބްރެސްޓް ބަލިކޮށްފަ އެވެ.
ލިވަޕޫލަކީ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަަނައިގައި އޮތް ޓީމެވެ. އަދި ޕީއެސްޖީ މި ވަގުތު ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތްއިރު، މީގެ ފަސް އަހަރު ކުރިން ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި ލިވަޕޫލް ވަނީ ބައްދަލުކޮށްފަ އެވެ. އެ ގޮތުން، 2018-2019 ވަނަ ސީޒަނުގައި ލިވަޕޫލުން ސިޓީގެ މައްޗަށް ކުރިހޯދިއިރު، އެ ސީޒަނަކީ އެންމެ ފަހުން ލިވަޕޫލުން ޗެމްޕިއަންސް ލީގު ހޯދި ފަަހަރެވެ.
ގަދަ 16 ބުރުގައި، ލިވަޕޫލާއި ޕީއެސްޖީ ކުޅެގެން މޮޅުވާ ޓީމެއް ކުއާޓާ ފައިނަލުގައި ކުޅޭނީ، ކްލަބް ބްރޫޖް އާއި އެސްޓަން ވިލާ ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ.
ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑުން ގަދަ 16 ގައި އެތުލެޓިކޯ މެޑްރިޑާ ކުޅޭއިރު، މި ދެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ދެ ފަހަރު ބައްދަލުކޮށްފަ އެވެ. އަދި، ގަދަ 16 ބުރުގައި، ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތް ބަޔާން މިއުނިކާއި ދެ ވަނައިގައި އޮތް ބަޔާ ލެވަކޫސަން ބައްދަލުކުރާނެ އެވެ.
އާސެނަލުން ޕީއެސްވީ އައިންދޯވަންއާ ކުޅޭއިރު، އޭސީ މިލާން ކަޓުވާލި ފެޔަނޫޑުން ގަދަ 16 ބުރުގައި ކުޅޭނީ އިންޓަ މިލާންއާ އެވެ.
މިދިޔަ އަހަރު ފައިނަލަށް ދަތުރުކުރި ބޮރޫޝިއާ ޑޯޓްމަންޑުން ގަދަ 16 ބުރުގައި، ފްރާންސްގެ ލިލްއާ ކުޅޭއިރު، ލީގު ބުރުގެ ދެ ވަނަ ދިޔަ ބާސެލޯނާ އިން ކުޅޭނީ ބެންފީކާއާ އެވެ. ބާސެލޯނާ އިން ވަނީ ލީގު ބުރުގައި ފޯރިގަދަ ކުރިމަތިލުމަކުން ބެންފީކާ ބަލިކޮށްފަ އެެވެ.
ގަދަ 16 ބުރުގެ ފުރަތަމަ ލެގު އޮންނާނީ މާޗް 4،5 ގަ އެވެ. އަދި ދެ ވަނަ ލެގު ކުޅޭނީ 11، 12 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ