އައިޕީއެލް: ޖެހިޖެހިގެން ދެ މެޗުން މޮޅުވެ މުމްބާއި އަށް ހަމަޖެހުމެއް އައިޕީއެލް: ޖެހިޖެހިގެން ދެ މެޗުން މޮޅުވެ މުމްބާއި އަށް ހަމަޖެހުމެއް

މުމްބާއި، އިންޑިއާ (އޭޕްރީލް 18) - ސަންރައިޒާސް ހައިދަރުއާބާދުގެ މައްޗަށް ހަތަރު ވިކެޓުން ކުރިހޯދައި، މުމްބާއި އިންޑިއަންސް އިން މި ފަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި، ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ މެޗުން މޮޅުވެ، ހަމަޖެހުމެއް ހޯދައިފި އެވެ.
ފަސް ފަހަރު އައިޕީއެލްގެ ޗެމްޕިއަންކަން ހޯދާފައިވާ މުމްބައި މި ފަހަރުގެ މުބާރާތުގައި ކުޅުނު ހަތް މެޗުން ތިން މެޗު މޮޅުވިއިރު، ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. އެކަމަކު، ހައިދަރުއާބާދު އަތުން ހޯދި މޮޅާ އެކު، ގަދަ ހަތަރަކަށް ލިބޭ ޕްލޭއޮފްގެ ޖާގަ އަކާ މުމްބައި އޮތީ ދެ ޕޮއިންޓަށް ގާތުގަ އެވެ.
ވަންކެޑޭ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން މުމްބާއި އިން ނިންމީ ހޮވާށެވެ. ހައިދަރުއާބާދުން ކުޅެން އަރައި، 20 އޯވަރު ތެރޭ ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 162 ލަނޑެވެ. ހައިދަރުއާބާދު ޓީމަށް އެންމެ ރަނގަޅު ސްކޯއެއް ހަދައިދިނީ، 28 ބޯޅައިން 40 ލަނޑު ހެދި އަބިޝޭކް ޝަރުމާ އެވެ. މި އިިނިންގްސްގައި، މުމްބައިގެ ވިލް ޖެކްސް ވަނީ ދެ ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، 18.1 އޯވަރުގެ ތެރޭ ހަ ކުޅުންތެރިން ނުބައިވެގެން މުމްބައި ވަނީ 166 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ. މުމްބައި އިން އެންމެ ރަނގަޅު ސްކޯއެއް ކުރީ ޖެކްސް އެވެ. އޭނާ ވަނީ، 26 ބޯޅައިން 36 ލަނޑު ހަދައިފަ އެވެ.
މި މެޗުގައި ވެސް މުމްބައިގެ ތަރި، ރޯހިތު ޝަރްމާ ދިޔައީ ދަށްކޮށެވެ. އޭނާ އަށް، 16 ބޯޅައިން ހެދުނީ 26 ލަނޑެވެ. މި ފަަހަރުގެ އައިޕީއެލްގައި ރޯހިތުގެ އެވްރެޖަކީ، 13 ލަނޑެވެ. މިއީ، އައިޕީއެލްގައި ކުޅެން ފެށި ފަހުން އޭނާގެ އެންމެ ދަށް ސީޒަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ