ނަޝީދަށް ދައުވާކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ދައުވާއަކީ ގާނޫނު އަސާސީއާ ޚިލާފަށް އުފުލި ދައުވާއެއް ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ހުށަހެޅުއްވި އެ މައްސަލައާ ގުޅޭގޮތުން އޭނާ މިއަދު ނެރުނު ބަޔާނެއްގައިވަނީ އަބްދުﷲ ގާޒީ ދޫކޮށްލަން ސުޕްރީމް ކޯޓުން އޭރު އަމުރުކޮށްފައިވަނީ އެމްއެންޑީއެފްގެ މައްޗަށް ކަން އެނގޭ ކަމަށެވެ. އަދި ގާޒީ ބަންދު ކުރަން އޭރު ސަރުކާރުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް އެއްވެސް ކޯޓަކުން މިހާތަނަށް ކަނޑައަޅާފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެހެންވެ އެކަން އޮތްއިރު ތަހުގީގަކާ ނުލައި ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް އުފުލި ދައުވާއަކީ އަބްދުﷲ ގާޒީ ދޫކޮށްލަން ސުޕްރީމް ކޯޓުން ކުރިން ނެރުނު އަމުރާއި ގާނޫނު އަސާސީއާ ޚިލާފަށް އުފުލި ބާތިލް ދައުވާއެއް ކަމަށް ކަނޑައަޅަން އެދިފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން އެ މައްސަލަ ނިމެންދެން ފަސްކުރަން ވަގުތީ އަމުރެއް ނެރެދޭން ވެސް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ގަވާއިދު ބުނާގޮތުން އެ ކޯޓަށް ހުށަހަޅާ ކޮންމެ މައްސަލައެއް ވެސް ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ ސީދާ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ