މުޒާހަރާތައް ހޫނުވުމުން ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ވަޒީފާގެ ކޯޓާގެ ބޮޑުބައެއް އުވާލައިފި

ޔުނިވަރސިޓީތަކުގެ ދަރިވަރުން އިސްކޮށްތިބެ ބަނގުލާދޭޝްގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ އެންމެފަހުން ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ވަޒީފާގެ ކޯޓާގެ ބޮޑުބައެއް އުވާލައިފިއެވެ.
ކޯޓުން ނިންމި ގޮތުން 1971 ވަނަ އަހަރު ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އާއިލާތަކަށް މިހާރު ރިޒާވް ކުރެވޭނީ ސަރުކާރު ވަޒީފާތަކުގެ އެންމެ ފަހެއް އިން ސައްތަ އެވެ.
ބަންގްލަދޭޝްގެ ލޯ މިނިސްޓަރ އަނީސުލް ހައްގު ވިދާޅުވީ، ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ.
ކޯޓުގެ މި ނިންމުމަށް މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ދަރިވަރުން އަމަލު ކުރާނެ ގޮތެއް އަދި ސާފުވެފައި ނުވި ނަމަވެސް މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ދަރިވަރަކު އޭއެފްޕީ އާ ވާހަކަ ދައްކަމުން ބުނެފައިވަނީ މުޒާހަރާ ކުރިއަށް ދާނެ ކަމަށެވެ.
އޭނާ ބުނެފައިވަނީ، ސްޕްރީމް ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި އެހެން ނަމަވެސް ދަރިވަރުންގެ ޑިމާންޑްތަކަށް ސަރުކާރުން އިޖާބަ ނުދެނީސް މުޒާހަރާ ހުއްޓާ ނުލާނެ ކަމަށެވެ.
މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ބައެއް ލީޑަރުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ބަންގްލަދޭޝްގައި ކާފިއު ހިންގާފައިވާއިރު، ވެރިރަށް ޑާކާގެ މަގުތައް މައިގަނޑު ގޮތެއްގައި ހުސްކޮށް ފެނުނު ނަމަވެސް، ދޭތެރެ ދޭތެރެއިން ހަމަނުޖެހުން ހިނގާކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
މި ހަމަނުޖެހުންތަކުގައި މިހާތަނަށް 115 މީހުން މަރުވެފައިވާ ކަމަށް ވަނީ ބެލެވިފައެވެ. ހަމަ ނުޖެހުންތައް އެންމެ ބޮޑުވި މިދިޔަ ހުކުރު ދުވަހު އެކަނިވެސް 50 މީހުން މަރުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ