17 ރަށަކަށް ލެބޯޓަރީ ސާމާނު ހޯދަން ޗައިނާއާއެކު ސޮއިކޮށްފި

މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ގެނައުމަށް ހަމަޖެހިފައިވާ ސާމާނާއެކު ލެބޯޓަރީގެ ހިދުމަތް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯޓަރީ ސާމާދު ހޯދުމަށް "ލެޓާ އޮފް އެކްސްޗޭންޖު" ގައި މިއަދު ސޮއިކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިން އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.ޖުމްލަ 72 ރަށަކަށް، ފަސް އަހަރަށް ބަހާލައިގެން ޗައިނާ ސަރުކާރުގެ އެހީގައި ލެބޯޓަރީ ސާމާނު ހޯދަން ހަމަޖެހިފައިވާއިރު، މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 17 ސިއްހީ މަރުކަޒަކަށް ބޭނުންވާ ލެބޯޓަރީ ސާމާނު ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ގެނައުމަށް ހަމަޖެހިފައިވާ ސާމާނާއެކު ލެބޯޓަރީގެ ހިދުމަތް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި، އެ ސިއްހީ މަރުކަޒުތަކުގައި ދެމުން ގެންދާ ސިއްހީ ހިދުމަތް ހަރުދަނާވެ، ފަސޭހަކަމާއެކު ލެބޯޓަރީ ޓެސްޓުތައް ހެދި ފަރުވާ އަވަސް ވެގެންދާނެ ކަމަށެވެ.ލެބޯޓްރީގެ ހިދުމަތް ނުލިބޭ ހުރިހާ ރަށެއްގައި އެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ކުރިއަށް އޮތް ތިން މަސް ތެރޭގައި އެހުރިހާ ރަށެއްގައި ހިދުމަތް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓަރު މިދިޔަ މަހު ވަނީ ވިދާޅުވެފަ އެވެ.މިނިސްޓަރު ވިދާޅުވެފައި ވަނީ، އަލަށް ލެބޯޓްރީގެ ހިދުމަތް ދޭން ފަށާ ހޮސްޕިޓަލްތަކުގައި ބޭނުން ކުރާނީ ކުރިއާ ތަފާތުކޮށް ޕޮއިންޓް އޮފް ކެއާ ޓެސްޓިން މެޝިންތަކެއް ކަމަށެވެ. މި މެޝިންތަކަކީ ކުރިން ބޭނުންކުރާ މެޝިންތަކަށް ވުރެ ކުދި، ނަމަވެސް ސައްހަ ނަތީޖާ ގެނެސްދޭނެ މެޝިންތަކެއް ކަމަށެވެ."މިކަން ތައާރަފް ކުރެވިގެން ދިއުމާއެކު މިހާރު ރަށްރަށުގައި ހެދިގެންދާ ޓެސްޓްތަކުގެ އަދަދު 15 ޓެސްޓަށް އިތުރުވެގެންދާނެ. އޭގެ ނަތީޖާއަކީ އެޓެންޑް ކުރަންވީ ބަލި މީހާގެ ކޮން ކަމަކަށްކަން ވަރަށް ސާފުކޮށް އެނގިގެން ދާނެ. މިސާލަކަށް ކިޑްނީގެ މައްސަލައަށް ހުރިއްޔާ އެކަން [މެޝިނުން] ފާހަގަކޮށްދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ