ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާއަށް ފާރިސް މައުމޫން ވާދަކުރައްވަނީ

މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވާފައިވާކަން ފާރިސް މައުމޫން އިއުލާނުކުރައްވައިފިއެވެ.
ފާރިސްއަކީ ނިމުނު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓެކެވެ. އެ އިންތިޚާބުގައި ފަހަތުން ދެވަނަ ލިބިވަޑައިގެންނެވި ފާރިސަށް ލިބިވަޑައިގަތީ ޖުމްލަ 3،190 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ އެއް އިންސައްތައަށްވުރެ ކުޑަ މިންވަރެކެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާރިސް ވިދާޅުވީ އޭނާ މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރުކަމަށް ކުރިމަތިލައްވަނީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި، އަދި ދާރިއާގެ ކުރިއެރުމަށާއި ތަރައްޤީއަށް މަސައްކަތްކޮށް ރާއްޖެއަށް ބޭނުންވެފައިވާ މުހިއްމު އިސްލާހުތައް ގެނައުމުގެ މަސައްކަތްކުރުމުގެ މަތިވެރި ނިޔަތުގައި ކަމަށެވެ.
އަދި ފާރިސް ހާމަކުރެއްވި ގޮތުގައި މަޖިލިސް އިންތިޚާބުގައި އޭނާ ވަދަކުރައްވާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާން ނިންމެވި ސަބަބެއްކަމަށް ފާރިސް ވިދާޅުވީ ރައްޔިތުންނާ އޮންނަ ގުޅުން ނުކެނޑި، މެދުވެރިންނާއި އެހެނިހެން މަސްލަހަތުތަކަށް ޖާގަނުދީ، ރައްޔިތުންގެ މަސައްކަތްކުރާ މެންބަރެއްގެ ގޮތުގައި ދެމިހުންނެވުމެވެ.
ފާރިސް ވިދާޅުވި ގޮތުގައި މަޖިލިސް އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ފުލުހުންގެ ރެކޯޑުތައް ފަދަ ޤާނޫނު ލާޒިމުކުރާ ލިޔުންތައް ހޯދުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވެއެވެ. އަދި ވަރަށް އަވަހަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ ގޮނޑި ހުސްވުމުން ބޭއްވި ބައިއިލެކްޝަނުގައި އެއިރު ވެރިކަންކުރި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވައި ފާރިސް ގޮނޑި ކާމިޔާބުކުރެއްވިއެވެ. ފަހުން އެއިރުގެ ސަރުކާރު ބަދަލުކުރުމަށް އިދިކޮޅުން ހިންގި ހަރަކާތްތަކުގައި އިސްދައުރެއް އަދާކުރެއްވިއެވެ.
އެއަށްފަހު ދެން ފާރިސް ވާދަކުރެއްވި އިންތިޚާބަކީ 2019 ވަނަ އަހަރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. އެ އިންތިޚާބުގައި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރުކަމަށް ވާދަކުރައްވައި 226 ވޯޓުގެ ތަފާތުން އެ އިންތިޚާބުގައި އޭނާއަށް ނާކާމިޔާބުވެވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ