ޢިބްރަތްތެރި ވާހަކަ: އަތުގަ ފައިސާކޮޅެއް ހުރިނަމަ އުފަލުގަ އަބަދު އުޅެވޭނެކަމަށް ބަލައި ކުށެއް ނެތިވެސް ވަރިކުރަމުން އިތުރު އަނބިން ހޯދަމުން ދުވާ ފިރިހެނުންނަށް ޢިބްރަތްތެރި ވާހަކައެއް!

މާތް ﷲ ތަނަވަސްކަން ދެއްވަވަނީ އެމީހަކު ބޭނުންވާހައި ގޮތަކަށް އެއިގެ ބޭނުންހިފާކަށް ނޫނެވެ. ހެޔޮ ގޮތުގައި ބޭނުންހިފުމަށެވެ. ކައިވެނިކޮށްފިނަމަ ރަނގަޅު ގޮތުގައި ދިރިއުޅުމަށެވެ. ތަންކޮޅެއްވެސް ރީތި އަންހެނަކު ފެންނައިރަށް އަނބިމީހާ ނިކަމެތިކޮށް އެއްލައިލަމުން ދުވާކަށް ނޫނެވެ. ވަކިހިސާބަކުން އެގޮތަށް ދިރިއުޅޭ މީހުންގެ ތަނަވަސްކަން ގެއްލި ހިތާމަކުރަންޖެހެއެވެ.  
ތިރީގައިވަނީ އެފަދަ އާވާރާ ދިރިއުޅުމެއް އުޅުނު މީހެއްގެ ވާހަކައެވެ. ވާހަކަ ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ!  
އެއީ ޢަރަފާތު ދުވަހެކެވެ. ތިބީ ރޯދައަށެވެ. އަޅުކަމުގެ އިތުރުން އެންމެ ބޮޑަށް އެދުވަހު ސަމާލުކަން ދެވުނީ ބޮޑު ޖަމާޢަތަށް ޢީދުނަމާދަށް ދާން ލާންފެހި ގަޔަށް ހެޔޮވަރުކުރުމަށެވެ. އަޅުގަނޑަކީ ފަހާ އަންހެނެކެވެ. އެހެންވެ ހެދުންލަނީ ވަރަށް ރޫތިކޮށްފަހައި ގަޔަށް ހެޔޮވަރުކޮށްގެންނެވެ.  
އެރޭގެ ޢިޝާނަމާދުން ފޭބިވަގުތެވެ. ފިރިމީހާ ބޭރުން އައުމުން ހީކުރީ ނަމާދުން ނިމިގެން ކާން އައީ ކަމަށެވެ. އެހެންވެ އަވަސް އަވަހަށް ކާން ހަދައިލީމެވެ. ފިރިމީހާ ވަނީ ކޮޓަރިއަށެވެ. ހީކުރީ އާދައިގެމަތިން ހެދުން ބަދަލުކޮށްލަން ވަނީ ކަމަށެވެ. ނަމަވެސް ކަންތައްވީ އެހެންނަކުން ނޫނެވެ، ކޮޓަރިން ނުކުތީ ފޮށިހިފައިގެންނެވެ. ނުކުމެ ބުނީ 5 އަހަރުވީ ކައިވެނީގެ ޒަވާޖީ ޙަޔާތް ނިންމައިލީ ކަމަށެވެ. ވަރިކޮށްފައި ދަނީ ކަމަށެވެ. އަޅުގަނޑުގެ ކުށަކީ ކޮބައިކަންވެސް ބުނެނުލާތީ ބުނާނެ އެއްޗެއްވެސް ނުއެނގިފައި ހުއްޓައި ގެއިން ނުކުމެގެން ހިނގައްޖެއެވެ. 
އެރޭ ނިދަން އުޅެއުޅެވެސް ނިންޖެއް ނައެވެ. ކުއްލިއަކަށް އެކަނިވެރިވުމުން އެކަމާއިމެދު ވަރަށް ބޮޑަށް ވިސްނުނެވެ. 2 ޖެހުމުން ދަމުނަމާދުކޮށް ދުޢާކޮށްލައިގެން ނިދަން މަސައްކަތްކޮށްލުމުން ނަޞީބަކުން ނިދިއްޖެއެވެ.   
ކައިވެންޏަށްފަހު ތަރާވީޙް ނަމާދަށާއި ދަމުނަމާދަށް އަދި ޢީދު ނަމާދަށްވެސް ގޮސް އުޅުނީ ދެމީހުން އެކުގައެވެ. އެހެންވެ ޢީދުނަމާދަށްދާން އުޅުނުއިރު ކުޑަކޮށް ދެރަވިއެވެ. ހިތްދަތިވިއެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ދިއައީއެވެ. ނަމާދުނިމިގެން ދެމަފިރިންތައް ލޯބިން އެކުގައިދާތަން ފެނުމުންވެސް ވަރަށް އަސަރުކުރިއެވެ. ނަމަވެސް ދިރިއުޅުމުގެ ކޮންމެ ކަމަކީވެސް ކޮންމެ ވަގުތަކުވެސް ބަދަލުވެދާނެ އެއްޗެއްކަމާއިމެދު ވިސްނާލުމުން ހިތްހަމަޖެހުން ލިބުނެވެ. 
އެކަނި 1 އަހަރު ހޭދަކުރީމެވެ. ކައިވެންޏަށް އެދިގެން މީހުން ވާހަކަދެއްކިއެވެ. ނަމަވެސް ލިބުނު މާޔޫސްކަން ބޮޑުކަމުން އެއްވެސް މީހަކަށް ޖަވާބެއް ނުދެމެވެ.  
ދެން އައި ޢަރަފާތު ދުވަހުގެ ކުރީދުވަހެވެ. ހަވީރު ސަލްޓަންޕާކުކައިރިން ދަނިކޮށް ވަރަށް ދެރަވެފައިހުރި ކުޑަކުއްޖަކު ފެނުނެވެ. އޭނާ އާއި ސުވާލުކުރުމުން ބުނީ ބައްޕައާއިއެކު ޕާކަށް އައިސް ކުޅެން އުޅެނިކޮށް ބައްޕަ ގެއްލުނީކަމަށެވެ. ހޯދައިހޯދައިވެސް ބައްޕަ ނުފެނުނު ކަމަށެވެ. އެހެން ބުނުމުން ކުއްޖާ އާއިއެކު އަޅުގަނޑުވެސް ބައްޕަ ފެނޭތޯ ހިނގީމެވެ. ނުފެނުމުން ގެ އެނގޭތޯ ސުވާލުކުރުމުން ކުއްޖާއަށް ބުނެދޭކަށް ނުއެނގުނެވެ. އެހެންވެ ގޮވައިގެން އައީ ގެއަށެވެ. ހަމަޖެހިލައިގެން ފުލުހުންނަށް ރިޕޯޓްކުރުމުގެ ނިޔަތުގައެވެ.  
އެރޭވެސް ހަމަ ޢިޝާ ނަމާދުން ފޭބި ވަގުތެވެ. މީހަކު އައިސް ދޮރުގެ ބެލްޖެހުމުން ހުޅުވިއިރު ހުރީ ޒުވާނެކެވެ. އޭނާ ފެނުމާއިއެކު ދަރިފުޅު ބައްޕާއެވެ. ގޮވަމުން އައިސް އޭނާގެ ގައިގައި ބައްދައިފިއެވެ.  
ޒުވާނާ ގެއަށް ވެއްދުމުން ކިޔައިދިނެވެ. "ދަރިފުޅުގެ އުމުރުން މިއޮތީ 4 އަހަރަށެވެ. އަހަރެންގެ އަނބިމީހާ، ދަރިފުޅު ދީފައި ވަރިވެގެން ދިއަތާ 6 އަކަމަސް ވެއްޖެއެވެ. އަހަރެންނަކީ ކޮންމެވެސް ވަރެއްގެ ތަނަވަސްކަމެއް ލިބިފައިވާ  މީހަކަށްވުމުން ކައިވެނިކުރަން ތިބި އަންހެނުން ވަރަށް ގިނައެވެ. ނަމަވެސް އަހަރެން މަސައްކަތްކުރަމުން މިއައީ ދަރިފުޅު ދެކެ ލޯބިވާނެ އަންހެނަކު ހޯދައިގެން ކައިވެނިކުރުމަށެވެ. މިއަދުނޫނަސް ބައެއް ދުވަސް ދުވަހު މިބާވަތުގެ އުކުޅުތައް ޖަހަމެވެ. ނަމަވެސް މިހައިތަނަށް ކަލޭހެން ދަރިފުޅަށް ސަމާލުކަން ދިން އަންހެނަކު ނުފެނެއެވެ.  
އަހަރެންގެ ދަރިފުޅަކީ ވަރަށް ބޮޑަށް މައެއްގެ ލޯބި ބޭނުންވާ ކުއްޖެކެވެ. ކޮންމެ ދުވަހަކުހެން މަންމަ ގެއަށް ކޮއްކޮގާތަށް އަންނާނެ ދުވަހަކާއިބެހޭގޮތުން ސުވާލުކުރެއެވެ. އަގުދީގެން ނަމަވެސް މަންމަ ލައްވައި ދަރިފުޅު ބެއްލުވުމުގެ ބޭނުމުގައި އަނބިމީހާ ފެނޭތޯ ވަރަށް ގިނަ މަސައްކަތްކޮށްފީމެވެ. ނުފެނުނެވެ. ފޯނު ނަމްބަރުވެސް ބަދަލުކޮށްފިއެވެ. ބައެއް މީހުން ބުނަނީ އަހަރެންނަށްވުރެ ތަނަވަސް މީހަކާއިއެކު އޭނާ ދިރިއުޅޭ ކަމަށެވެ.  
ކޮންމެއަކަސް މިއޮތީ ކޮންމެވެސް ވަރެއްގެ ގުޅުމެއް އުފެދިފައެވެ. ކަލެއަކީ އެކަނިހުރި އަންހެނަކު ނަމަ އަހަރެންނާއި ގުޅުން ކިހިނެއް ހެއްޔެވެ؟ ކައިވެނިކޮށްގެން ހުރިނަމަ ރަނގަޅު މުސާރައެއް ދިނިއްޔާ ލޯބިދީގެން ދަރިފުޅު ބަލައިދީފާނަން ހެއްޔެވެ؟ އެކަނި ހުރެފައި އަހަރެންނާއި ކައިވެނިކުރަން ބޭނުން ނޫންނަމަވެސް ދަރިފުޅު ބަލައިދީފާނަން ހެއްޔެވެ؟ ރަނގަޅު މުސާރައެއް ދޭނަމެވެ." 
އަޅުގަނޑު ގާތުގައި އެއްވެސް ވާހަކައެއް  އަހައިވެސް ނުލާއިނދެ ހުރިހާ ވާހަކަތަކެއް ދެއްކުމުން ދޭނެ ޖަވާބެއްވެސް ނުއެނގިފައި އިރުކޮޅަކު އިނީމެވެ. އެހެން އިނދެފައި އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވިގޮތްވެސް ކިޔައިދިނީމެވެ. އަދި ފަހައިގެން ދިރިއުޅެވޭ ވަރަށް އާމްދަނީ ލިބޭ ކަމަށާއި އަގެއް ނުދިނަސް ކުއްޖާ ބަލައިދީފާނެ ކަމަށްވެސް ބުނީމެވެ. ދެމީހުން ގުޅުމާއިމެދު ބަހެއް ނުބުނަމެވެ. 
އޭނާ ވަރަށް އުފާވިއެވެ. މާދަން ހެނދުނު މަސައްކަތު ދަމުން ކުއްޖާ ގެންނާނެ ކަމަށް ބުނެފައި ކުއްޖާ ގޮވައިގެންދާން އުޅުމުން އެކުއްޖާ ދާން ދެކޮޅުހެދިއެވެ. ބުނީ ހުންނަން ބޭނުމީ ދައްތަ ގާތުގައި ކަމަށާއި ބައްޕަވެސް މިގޭގައި އުޅުނިއްޔާ ކޮއްކޮއަށް މާރަނގަޅު ކަމަށެވެ. އެހެން ބުނެފައި އައިސް އަޅުގަނޑުގެ އުނގަށް ވަދެއްޖެއެވެ.  
އެވަގުތު އަޅުގަނޑުގެ ހިތަށް ކުރި އިޙްޞާޞްތައް ކިޔައިދޭކަށް ނުއެނގެއެވެ. ބުރަކަށީގައި ފިރުމާލަމުން ބުނީމެވެ. "ދަރިފުޅު ގޮތް ނިންމައިފިއެވެ. ދަރިފުޅުގެ ނިންމުމަށް އިޙްތިރާމްކޮށްފީމެވެ. ކައިވެނި އަވަސްކުރާށެވެ. ކައިވެނިކޮށް އެކުގައި އުޅޭނަމަ ކައިވެނީގައި ބަރަކާތެއް ނުލައްވަވާނެއެވެ."  
އެހެން ބުނާއިރަށް ދަރިފުޅުގެ އެއްޗެތި ހިފައިގެން އެބަ އަންނަމޭ ބުނެފައި ހިނގައްޖެއެވެ. އިރުކޮޅަކުން އެއްޗެތި ހިފައިގެން އައީ ހެކިވެރިންވެސް ގޮވައިގެންނެވެ. ރަންކިޔުއްވައިފިއެވެ. ޖެހިގެން އައިދުވަހު، ޢަރަފާތު ދުވަހުގެ ޢަޞްރުނަމާދަށްފަހު ކައިވެނިކޮށްފިއެވެ. ދެމީހުންވެސް ތިބީ ރޯދައަށެވެ.  
އެރޭ ނިދީ އަޅުގަނޑުގެ ގޭގައެވެ. ޢީދުނަމާދަށް ދިއައީ ދަރިފުޅުވެސް ގޮވައިގެން ދެމީހުން އެކުގައެވެ. ސުންނަތަށް އަމަލުކުރަންވެގެން ދިއައީވެސް ހިނގާފައެވެ. ނިމިގެން އެނބުރި އަންނަމުން ހިތަށް އެރިއެވެ. "ކުރީ ޢީދު ނަމާދު ދުވަހު ލޮލުން ކަރުނަބޭލީ ހިތްދަތިވެގެންނެވެ. މިއަދު މިރޮވެނީ އުފަލުންނެވެ. ﷲ ގެ ދީލަތިވަންތަކަމާއި ކުޅަދުންވަންތަކަމުގެ ބޮޑުކަމާއިއެވެ."  
ކައިވެންޏަށްފަހު އަޅުގަނޑު ގެންދިއައީ އޭނާގެ ގެއަށެވެ. އަޅުގަނޑުގެ ގެ ކުޑަވީމާ ކުއްޖަކު ގޮވައިގެން އުޅޭނެ ޖާގަ ނެތީމައެވެ. މަރާމާތުކޮށްފައި ގެ ކުއްޔަށްދިނީއެވެ. ލިބޭ ކުލި އެކުގައި ދިނީ އަޅުގަނޑަށެވެ. މަރާމާތުކުރަން ކުރި ޚަރަދުވެސް ނުކަނޑައެވެ.  
ދުވަސްކޮޅެއް ފަހެވެ. ހުކުރު ދުވަހެކެވެ. ގޭގެ ކަންކަން ބަލައިލަން ދެމަފިރިން އެކުގައި ގެއަށް ގޮސްލި ދުވަހެކެވެ. މީހަކު ބެލްޖެހުމުން ގޭގައި އުޅޭމީހުން ދޮރުހުޅުވިއިރު ދޮރުމަތީގައި ހުރީ ކުރީގެ ފިރިމީހާއެވެ. އޭނާ ފެންނައިރަށް އޭނާ އާއި ދިމާއަށް އެއްޗެތިގޮވަން ފަށައިފިއެވެ. "މިގެ ހޯދައިގެން ތިއައައީ އަހަރެމެންގެ މަންމަ ހޯދަންތޯ އާއި މަންމަ އިނީ ކައިވެނިކުރާވަރަށްވުރެ މާ މުސްކުޅިވެފައި" ކަމަށްބުނެފައި ދޮރުލައްޕައިފިއެވެ.   
ސަބަބެއް ނުބުނެ އެއީ ކީއްވެގެން ބުނި ބަހެއްތޯ ސުވާލުކުރުމުން ކިޔައިދިނެވެ. "އޭނާ އަހަރެމެންގެ ކޮއްކޮ ޝަހީދާއާ މީގެ އަހަރެއްހައި ދުވަސްކުރިން ކައިވެނިކުރި. ބަލިވެއިންނައިރަށް ވަރިކޮށްލާފަ އެހެން ކައިވެންޏެއް ކޮށްފި. ފަހުން ކައިވެނިކުރި އަނބިމީހާ އޭނާގެ އަތުގަ ހުރި ހުރިހާ ފައިސާ ވަގަށް ނަގައިގެން ފިލައިފި. މިހާރު ޝަހީދާ އަށް އާދޭސްކުރާތާ ކިތަންމެ ދުވަހެއް. އުޅޭތަނުގެ ކުލިވެސް ނުދެއްކިގެން އެއުޅެނީ. ހިންގި ފިހާރަހުރީ ހުސްވާން ކައިރިވެފަ. ފިހާރައިގެ ކުލިވެސް ނުދައްކާތާ 3 މަސް ވެއްޖެ. ފިހާރައިގެ ވެރިމީހާވަނީ ހުސްކުރަން ވެސް އަންގާފަ." ފުލުފުލުގައި އެނާ އަމުނައިލިއެވެ.  
އަޅުގަނޑު އެއްވެސް ވާހަކައެއް ނުދައްކައި ނުކުމެގެން އައީއެވެ. ދުވަސްކޮޅެއްފަހުން މަކަރާ ހީލަތުގެ މައްސަލައެއްގައި ހޯދާ ނުފެނިގެން ފުލުހުން އޭނާގެ ފޮޓޯ ޢާންމުކުރިއެވެ.  
އަޅުގަނޑުގެ 2 ވަނަ ކައިވެންޏަށް މިހާރު 10 އަހަރުފުރުނީއެވެ. ފިރިމީހާގެ ދަރިފުޅުގެ އިތުރުން ދެމަފިރިންގެ 3 ދަރިން އެބަތިއްބެވެ. ދިރިއުޅެމުން މިގެންދެވެނީ ހަމަ އެންމެ އުފަލުގައެވެ. ކައިވެރިކުރިއިރު ފިރިމީހާގެ ހުރި ތަނަވަސްކަމަށްވުރެ މިހާރު އެތައް ތަނެއް އިތުރަށް ވަނީ ތަނަވަސްކަން ލިބިފައެވެ. އެއީ ދެމީހުންގެ ތެދުވެރިކަމާ އެކުގައިތިބެ ކުރާ ދުޢާގެ ނަތީޖާކަމަށްވުމަށް އުންމީދުކުރަމެވެ.  
- ޒިޔާދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
 
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ