މަޖިލިސް އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި، ނަތީޖާއަށް ބަދަލެއް ނާދޭ

އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާ އިއުލާން ކޮށްފައިވާއިރު ވަގުތީ ނަތީޖާއަކަށް އިތުރު ބަދަލެއް ނާދެއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ދާއިމީ ނަތީޖާއިން ވެސް ދައްކާ ގޮތުގައި ސަރުކާރު ހިއްސާވާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއަށް 66 ގޮނޑި ވަނީ ލިބިފައެވެ. އެއީ މަޖިލީހުގެ ސުޕަރ މެޖޯރިޓީއެވެ.
އެ ޕާޓީގެ އިތުރުން ދެން އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެ ޕާޓީއަށް 12 ގޮނޑި ލިބިފައިވާއިރު އެ ޕާޓީގެ މެންބަރުންގެ ގޮތުގައި މިހާރު މަޖިލީހުގައި ތިއްބެވި ގިނަ މެންބަރުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ. މީގެ ތެރޭގައި މިހާރުގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމް ހިމެނިވަޑައިގަންނަވައެވެ.
މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި 11 ކެންޑިޑޭޓަކު ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން ހަތް ބޭފުޅަކު މިހާރު ވަނީ ކޮންގްރެސް ޕާޓީއަށް ސޮއި ކުރައްވާފައެވެ. މިއާއެކު 20 ވަނަ މަޖިލީހުގައި ކޮންގްރެސް ޕާޓީގެ މެންބަރުން އަދަދު ވަނީ 73 އަށް އަރާފައެވެ.
މި އިންތިޚާބުގައި އެމްޑީއޭއަށް ދެ ގޮނޑި ކާމިޔާބު ކުރެވުނުއިރު ޖުމްހޫރީ ޕާޓީއަށާއި އެމްއެންޕީއަށް ކާމިޔާބު ކުރެވުނީ އެއް ގޮނޑިއެވެ. އަދި އިންތޚާބުގައި ވާދަކުރި އަދާލަތު ޕާޓީއާއި ދަ ޑިމޮކްރެޓްސްއަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވެއެވެ.
އަލަށް އިންތިޚާބުވި މެންބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް މަޖިލީހުން ވަނި ނިންމަވާފައެވެ. އަދި މިހާރު ކުރިއަށްދާ މަޖިލީހުގެ ދައުރު މި މަހުގެ 15 ވަނަ ދުވަހަށް ހަމަވާއިރު ދައުރުގެ އެންމެ ފަހުގެ ޖަލްސާ މެއި މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ވެސް މަޖިލީހުން ވަނީ ނިންމަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ