ރައީސުލްޖުމްހޫރިއްޔާ ހއ. ތުރާކުނު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން: ކައުންސިލުން ވަނީ ރަށުގެ ރައްޔިތުން ބޭނުންފުޅުވާ ކަންކަމާއި ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ތުރާކުނު ސުކޫލުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގައި ޒަމާނީ ފެންވަރަށް މަގުހެދުމަށް ބޭނުންވާކަމަށާއި، ދިވެހިރާއްޖޭގެ އިސްލާމީ ބިނާއެއް ރަށުގައި ޤާއިމުކުރުމަށް ބޭނުންވާކަމަށާއި، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބޭނުންވާ ކަންކަން ހިމެނެއެވެ. އަދި ތުރާކުނު ކައިރީގައި އޮންނަ ވަނގާރު އެރަށުގެ އިހުތިސާސުގެ ތެރެއަށް ލުމަށް ބޭނުންވާކަމަށާއި، ކައުންސިލް އިދާރާ އާއި ސުކޫލުގެ ޖާގައިގެ ދަތިކަމާއި، ރަށަށް އަރާ ބަނދަރުގައި ހުރި ދަތިކަމާއި، ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަކީ ރަށުގެ ރައްޔިތުން ވަރަށް ބޭނުންވާ ކަމެއްކަމުގައިވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ތުރާކުނުގައި ދިމާވާ ކަރަންޓުގެ މައްސަލަ ފާހަގަ ކުރައްވައި، ޒަމާނީ ފެންވަރުގައި ކަރަންޓު ދެވޭނެ ގޮތެއް ބޭނުންވާކަމަށާއި، ރަށުގެ ޞިއްޙީ މަރުކަޒުގައި ހުރި ގޮންޖެހުންތައް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.
ތުރާކުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސް ވަނީ އެ ކަނބަލުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ބަޖެޓުގެ ދަތިކަން ތުރާކުނު އ.ތ.މ ކޮމިޓީން ފާހަގަ ކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދަވައިދެއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ