ފިލިޕީންސްއަށް އެރި ތޫފާން ޑޮކްސޫރީގެ ބާރުގަދަވެ އެތައް ހާސް ބަޔަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ

މެނީލާ (ޖުލައި 26) - ފިލިޕީންސްގެ އުތުރުގައި އުފެދިފައިވާ ތޫފާން ޑޮކްސޫރީގެ ބާރުގަދަވެ ގަދަ ވަޔާއި ވިއްސާރައިގެ ސަބަބުން ކޯރުތައް ފުރި އެތައް ހާސް ބަޔަކަށް ކަރަންޓުގެ ޚދުމަތް މެދުކެނޑިއްޖެ އެވެ.
ތޫފާން ޑޮކްސޫރީ، ގަޑިއަކު 175 ކިލޯމީޓަރު (ގަޑިއަކު 108 މޭލު) ބާރުމިނުގައި ވައި ގަދަވެ، ޓައިވާނާއި ޗައިނާއާ ދިމާލަށް ދަތުރުކުރަމުން ދާއިރު، އަދިވެސް ބާރުގަދަ ވެދާނެ ކަމަށް ލަފާކުރެވޭތީ، ގޮނޑުދޮށާއި ކައިރި ހިސާބު ތަކުގައި ދިރިއުޅޭ މީހުން ވަނީ ހުސްކޮށްފަ އެވެ.
ފިލިޕީންސްގެ ކޯސްޓްގާޑުން ބުނީ ކަނޑުދަތުރުކުރުން މެދުކަނޑާލުމާ އެކު 4،000 އަށް ވުރެ ގިނަ ފަސިންޖަރުން އެ ގައުމުގެ އެކި ބަނދަރުތަކުގައި ތާށިވެފައިވާ ކަމަށެވެ.
ފިލިޕީންސްގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ދިރިއުޅޭ އުތުރުގެ ރަށެއް ކަމަށްވާ ލޫޒޯންގެ ގިނަ ސަރަހައްދުތަކަކަށް ތޫފާނުގެ އިންޒާރު ވަނީ ދީފައެވެ. އުދައެރުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ އިތުރުން އުމްރާނީ ވަސީލަތްތަކަށް ގެއްލުންވާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.
ފިލިޕީންސަށް އަހަރަކު އެވްރެޖްކޮށް 20 ތޫފާން އަރާއިރު، މި ތޫފާނަކީ އެގައުމަށް މި އަހަރު އައި ފަސް ވަނަ ތޫފާނެވެ.
ދުނިޔެ ހޫނުވުމުގެ ސަބަބުން ތޫފާންތައް ގިނަވެ، ބާރު ގަދަވާނެ ކަމުގެ އިންޒާރު ސައިންސްވެރިން ވަނީ ދީފައެވެ.
މިދިޔަ އަންގާރަ ދުވަހު ސުޕަ ޓައިފޫނެއްގެ ގޮތުގައި ގިންތިކޮށްފައިވާ ޑޮކްސޫރީ ވަނީ ބުދަ ދުވަހު ތަންކޮޅެއް ބަލިކަށިވެފަ އެވެ.
ފިލިޕީންސްގެ މޫސުމާ ބެހޭ ބިއުރޯއިން ބުނީ ހުކުރު ދުވަހު ޓައިވާން ހުރަސްކޮށް ޗައިނާގެ ފުޖިއާން ޕްރޮވިންސަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ