އެސްއެމްއީތަކަށް ހާއްސަކޮށް މާލެ، ކުޅުދުއްފުށި އަދި އައްޑޫގައި ސްޓޯރޭޖް ފެސިލިޓީތައް ގާއިމްކުރަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް މާލެ، ކުޅުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި ސްޓޯރޭޖް ފެސިލިޓީތައް ގާއިމްކުރަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް 2 އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ 2 އަހަރުގެ ގޮތުގައި ކަނޑައަޅުއްވައި އަންނަ ޖެނުއަރީއިން 1 ވަނަ ދުވަހުން ފެށިގެން އެކަންކަން ކުރިއަށް ގެންދިއުމަށް ރައީސް ނިންމާފައިވާ ކަމަށެވެ.
ރައީސްގެ އެ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއެކު މި މަހުގެ 17 ވަނަ ދުވަހު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިން ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން މާލެ ސަރަހައްދާއި ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ސްޓޯރޭޖް ފެސިލިޓީތައް ގާއިމްކޮށް ހެޔޮ އަގުގައި މުދާ ރައްކާކޮށް ގުދަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންގެންދާނެކަން އެ މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީއިން ބުނީ މިކަން ކުރިއަށް ގެންދިއުމުގެ މަސައްކަތް ކަމާއި ގުޅުންހުރި އެންމެހާ ފަރާތްތައް ހިމެނޭ ގޮތުން ތަފްސީލްތައް ހާމަކުރަމުން ގެންދާނެ ކަމަށެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މުދާ ކްލިއާ ކުރުން މިހާރަށްވުރެ އަވަސް ކުރުމާއި އެ ސަރަހައްދުގައި ހަރަކާތްތެރިވާ މުދާ އުފުލާ އުޅަނދުފަހަރުގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމުގެ ގޮތުން އެ ކަންކަން އިކޮނޮމިކް މިނިސްޓްރީއިން ގާތުން ބަލަމުންގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީއިން ބުނެފައިވެއެވެ.
މީގެއިތުރުން ރައީސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ކުރެއްވި ބައްދަލުކުރެއްވުމުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ދިވެހިންނާއި ވާކް ޕާމިޓް ހޯޅްޑަރުން ބައިތިއްބުމަށް ހާއްސަކޮށްގެން ހިންގާ ކޮޓަރި ކުއްޔަށްދޭ ވިޔަފާރިތައް ރަޖިސްޓްރީކޮށް، ކޯޓާ ލިބުމުގައި ދިމާވާދަތިތައް މިހާރު ހައްލުކުރެވިފައިވާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ