ހިޔާ ފްލެޓުތަކުގެ ކުލި ކަނޑާލުމަށް ސަރުކާރުން ނިންމި ނިންމުމަކީ ކުރިއަށް އޮތް ރިފަރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު އަންގަވައިގެން ސިޔާސީ މަގުސަދެއްގައި ނިންމި ނިންމުމެއް ކަމަށް، ސަރުކާރުގެ ސީނިއާ ބައެއް އޮފިޝަލުން ބުނެފި އެވެ.
ސަރުކާރު އަދި އެޗްޑީސީގެ ބައެއް މަސްދަރުތަކުން "އަދަދު" ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، ރައީސް މުހައްމަދު މުއިއްޒު މި ބަދަލު ގެންނަން ނިންމެވި ނަމަވެސް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބައެއް އިސްވެރިން ފުރަތަމަ ތިއްބެވީ މިކަމާ ދެކޮޅަށެވެ.
"އެއީ ކުންފުންޏަށް ވާނެ މާލީ ގެއްލުން ބޮޑުކަމުން. މިހާރު މިދާވަރަށް ކުންފުނި ގޯސްވެގެން ދާނަމަ އަންނަ އަހަރު ކުންފުނި ހިންގުމަށް އިންތިހާއަށް ދަތިވާނެ،" އަދަދު ނޫހާ ވާހަކަ ދެއްކި އެކަކު ބުންޏެވެ.
މިއީ ސީދާ ރައީސްގެ ނިންމެވުމަކަށް ވާތީ، ކުންފުންޏަށް ގެއްލުން ވިޔަސް އެކަން އެގޮތަށް ކުރިއަށް ގެންދަން މަޖުބޫރުވެފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.
"ކުންފުންޏަށް ގެއްލުން ވިޔަސް އެކަން ކުރިއަށް ގެންދަން ނިންމީ ރައީސްގެ ނިންމެވުމަކަށް ވާތީ،" ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.
މި ނިންމުން އެންމެ ފަހު ވަގުތު ނިންމަން ޖެހުނު ސަބަބާ ބެހޭގޮތުން މައުލޫމާތު ދިން ފަރާތުން ބުނީ، މީގެ ފަހަތުގައި އޮތީ ކުރިއަށް އޮތް އިންތިހާބީ މަސްލަހަތުތަކެއް ކަމަށެވެ.
"ހުޅުމާލޭގެ ބައެއް ދާއިރާތައް ސަރުކާރު ހިންގާ ޕީއެންސީއަށް ކާމިޔާބު ކުރުން އުނދަގޫވާނެ ކަމަށް ބެލެވުން. އަދި ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ކުރުމަށް އޮތް ގޮންޖެހުން،" މައުލޫމާތު ދިން އެކަކު ބުންޏެވެ.
މި ބަދަލާއެކު ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ގިނަ ބަޔަކަށް ވަގުތީ ލުޔެއް ލިބުނު ނަމަވެސް، ދައުލަތުގެ ކުންފުންޏެއްގެ މާލީ ހަމަޖެހުމަށް ދިގު މުއްދަތުގައި މީގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ވެސް އެޗްޑީސީގެ ބައެއް އޮފިޝަލުން އަދަދު ނޫހަށް ވިދާޅުވި އެވެ.
އެޗްޑީސީން މިކަން ކޮށްފައި ވަނީ މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައިވާ، ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ހަރަދު ކުރި ފައިސާގެ ބަދަލުގެ ގޮތުގައި ދޭން ބުނި ދެ ލައްކަ ރުފިޔާގެ ބާކީ ދައްކަން ނުޖެހޭ ގޮތަށް ހަދައިގެންނެވެ.
އެ ކުންފުނިން ވަނީ މި ބަދަލު ގެންނާނެ ކަން ފްލެޓު ވެރިންނަށް ސިޓީގެ ޒަރިއްޔާއިން އަންގަން ފަށައިފަ އެވެ.
އެ ސިޓީގައިވާ ގޮތުގައި، ފިނިޝިން ޑިސްކައުންޓުގެ ގޮތުގައި ނުލިބިވާ އަދަދު ކުލިން މާފުކޮށްދޭއިރު، ކުލީގެ ގޮތުގައި ދައްކަން ޖެހި ނުދައްކައިވާ ފައިސާއެއް ހުރި ނަމަ، އެ އަދަދު ޑިސްކައުންޓުން އުނިކުރެ އެވެ. އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ނަމަ، ޑިސްކައުންޓަށްވާ ބައި އުނިކުރަނީ މަހަކު 5،300ރ. (އަންނަ މަހުން ފެށިގެން ހިޔާ ފްލެޓެއްގެ ކުލި) ރޭޓުންނެވެ.
އެޗްޑީސީން ޖަހާފައިވާ ހިސާބުތަކުގައި ވަނީ ފިނިޝިން ޑިސްކައުންޓުގެ ގޮތުގައި ނުދެވިވާ އަދަދަކި 135،714.35ރ. ކަމަށެވެ. މިހެން ކަމުން ގަވާއިދުން ކުލި ދައްކަމުން އަންނަ މީހުން ކުރިއަށް އޮތް 25 މަސް (ދެ އަހަރާއި އެއް މަސް) ވަންދެން ކުލި ދައްކާކަކަށް ނުޖެހެ އެވެ. ނަމަވެސް މެއިންޓެނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1،000ރ. ދައްކަން ޖެހެ އެވެ.
"ހިޔާ ފްލެޓުގެ ކުލި މައާފުކުރީ އިންތިހާބު ގެއްލިދާނެ ކަމުގެ ބިރަށް" "ހިޔާ ފްލެޓުގެ ކުލި މައާފުކުރީ އިންތިހާބު ގެއްލިދާނެ ކަމުގެ ބިރަށް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ