މި ނިކުތީ އާ އަޒުމަކާއެކު ރައްޔިތުންނަށް ހިދުމަތްކުރަން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ޕީއެންސީގެ ޕްރައިމަރީއަށް ނިކުތީ އާ އަޒުމަކާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށް، އެ ގޮނޑި މީގެކުރިން ފުރުއްވަމުން ގެންދެވި މުހައްމަދު ސިނާން ވިދާޅުވެއްޖެ އެވެ.
ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ކަނޑައެޅީ އޭނާގެ މައްޗަށް ސާބިތުވި ދަރަނި ހުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފި އެވެ.
ސިނާން ވިދާޅުވީ ރައްޔިތުން ހަވާލުކުރި ޒިންމާ އޭނާއަށް ގެއްލުނު ކަމަށާއި ނަމަވެސް އަޒުމެއް ނުގުޑާނެ ކަމަށެވެ. އަދި ކުރިމަތިވި މާޔޫސްކަން މާޒީކޮށް, މި ނުކުތީ އާ އަޒުމަކާއި އިތުރު ހިތްވަރަކާއެކު ކަމަށާއި ހިތަދޫ އުތުރު ދާއިރާއަށް ކަނޑައަޅާފައިވާ އަމާޒަކަށް ބަދަލެއް ނާންނާނެ ކަމަށް ސިނާން ވިދާޅުވި އެވެ.
"ދާއިރާއަށް އަޅުގަނޑުމެން ހޯދި ކުރިއެރުންތައް ގެއްލި ނުދާނެކަން ކަށަވަރު ކުރުމަށް ކެރިގެން ކުރިމަތިލާނަމެވެ. އެކަމަށްޓަކައި ޕީއެންސީ ޕްރައިމަރީގައި ތިޔަބޭފުޅުންގެ ތާއީދަށް އަޅުގަނޑު އެދެމެވެ. އަޅުގަނޑުމެން މި ނުކުތީ ރައްޔިތުންނަށް ޙިދުމަތް ކުރުމަށެވެ. އެ އިހުލާސްތެރިކަމާއެކުއެވެ،" ސިނާން ވިދާޅުވި އެވެ.
ޕީއެންސީގެ ޕްރައިމަރީގައި ސިނާންއާ ވާދަކުރައްވަނީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރަކަށް މިހާރު ހުންނެވި އަހުމަދު ސައީދެވެ. ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މި ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރަން ދެ ބޭފުޅަކު ވެސް ވަނީ ޝައުގުވެރިކަން މިހާތަނަށް ފާޅުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ